އަންނަ އަހަރުގެ ގައުމީ ގުރުއާން މުބާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ ތެރޭގައި ހުޅުވާލުމަށް ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ނިންމައިފިއެވެ.
ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ނެރުނު އިއުލާނެއްގައި ބުނީ، ގައުމީ ގުރުއާން މުބާރާތް އަންނަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށާއި މިމަހުގެ 17 އިން އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެ މުބާރާތުގައި ރަޖިސްޓްރީވުމަށް ހުޅުވާލާނެ ކަމަށެވެ.
އެ މުބާރާތް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ ހާފިޒުން، ސްކޫލު ކުދިން އަދި ވަކިވަކި މުއައްސަސާތަކުގެ ބައެވެ. އެ މުބާރާތުގެ ކިޔެވުން ތިން ބަޔަކަށް ކުރިއަށްގެންދާ އިރު، އެއީ ފޮތުން ކިޔެވުމުގެ ބަޔާއި ހިތުން ކިޔެވުމުގެ ބައިގެ އިތުރުން، ހާފިޒުންގެ ބައެވެ.
އެ މުބާރާތުގެ އިތުރު މައުލޫމާތު އެ މަރުކަޒުގެ ވެބްސައިޓް chq.gov.mv ލިބެން ހުންނާނެ ކަމަށްވެސް ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ނެރުނު އިއުލާނުގައިވެއެވެ.