ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމައިފިއެވެ.
އެމްޑީއޭން މިރޭ ކުރި އިއުލާނެއްގައި ބުނީ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީ ކުރިއަށްގެންދިއުމަށް އެކުލަވާލައިފައިވާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން އަދި އެ ކޯލިޝަންގެ ލީޑާޝިޕާ އެއްބަސްވެވޭ އުސޫލެއްގެ ތެރެއިން، އިތުރު ސިޔާސީ ޕާޓީތަކަށް އެ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާތީ، އެމްޑީއޭގެ ފަރާތުން ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އެމްޑީއޭގެ ފަރާތުން ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާކަމަށް އެމްޑީއޭ އިން ބުންޏެވެ.
ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ 14:00ގެ ކުރިން ޕާޓީގެ އޮފީހަށް ފޯމު ހުށަހަޅަންވާނެ ކަމަށް އެމްޑީއޭ އިން ބުންޏެވެ. [email protected] ފޯމު މެއިލް ކުރެވެން ވެސް ހުންނާނެ ކަމަށް އެމްޑީއޭ އިން ބުންޏެވެ.
ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފޯމު މިއަދުން ފެށިގެން، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 14:00އަށް ޕާޓީގެ އޮފީހުން ލިބެން ހުންނާނެ ކަމަށް އެމްޑީއޭ އިން ބުންޏެވެ.