ޚަބަރު

ހިޔާ ފްލެޓުތަކުގެ ޖުމުލަ ކުލިން އިތުރު އެއް ލައްކަ ރުފިޔާ މައާފުކޮށްދީފި

ހިޔާ ފްލެޓުތަކުގެ ޖުމުލަ ކުލިން އެއް ލައްކަ ރުފިޔާ އުނިކޮށްދިނުމަށް އާބަންކޯ އިން ނިންމައިފިއެވެ.

ރަައީސް އިއްޔެ ވަނީ ކުރިއަށް އޮތް ހަތް އަހަރަށް ހިޔާގެ ކުލި 3,984 ރުފިޔާއަށް ކުޑަ ކުރުމަށް ނިންމަވާފައިވާކަން އިއުލާންކުރައްވައިފައެވެ. އެ ލުޔާއެކު ޖުމުލަ އުނިވަނީ 110،000 އެއްހާ ރުފިޔާއެވެ.

"މިހާރު މި ދައްކަނީ 5300 ރުފިޔާ، ކުރިއަށް އޮތް ހަތް އަހަރު ދުވަހަށް ދެން ދައްކަން ޖެހޭނީ މަހަކު 3،984 ރުފިޔާ. 3،984 ރުފިޔާއަށް ކުޑަވަނީ ހިޔާ ފުލެޓުތަކުގެ އަގު ކުރިއަށް އޮތް ހަތް އަހަރު ދުވަހަށް، މިހާރު އޮތް އެގުރިމެންޓަށް އަންނާނެ ބަދަލެއް އައިސް މުއްދަތަށް ބަދަލެއް ނައިސް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އާބަންކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމުގެ ތަފްސީލުތައް ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ހިޔާ ފްލެޓުގެ ކުލި ހަތް އަހަރަށް ކުޑަކުރަން ސަރުކާރުން ނިންމުމުން ފްލެޓުގެ އަގުން މައާފުވި އެއް ލައްކަ ރުފިޔާގެ އިތުރުން އިތުރު އެއް ލައްކަ ރުފިޔާ މައާފުކުރަން ނިންމާފައިވާ ކަމަށެވެ.

"އެއް ލައްކަ ރުފިޔާއެއްގެ ވާހަކަ އެބަ ދެކެވޭ އެކި ދިމަދިމާލުގައި. އެ އެއްލައްކަ ރުފިޔާއަކީ މިއަދުން ފެށިގެން މައާފުވެގެން އަންނަ އެއްޗެއް. އެހެންވީމަ ހަތް އަހަރު ދުވަހަށް މި ބަހާލެވެނީ ވަކި އަދަދެއް،" ފަޒުލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ބަދަލާއެކު ހިޔާ ފްލެޓުގެ ކުލީގެ މުއްދަތު 27 އަހަރަށް އޮތްއޮތުން 26 އަހަރަށް ކުޑަވާނެ ކަމަށާއި އެއްބަސްވުންތަކަށްވެސް އެ ބަދަލު ގެންނާނެ ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް މުއިއްޒު ވަނީ ހިޔާ ފުލެޓުތަކުގެ ފިނިޝަން މަސައްކަތަށް ކުރަން ޖެހުނު ހަރަދުތަކަށް، ފުލެޓުތަކުގެ ވެރިންނަށް ބަދަލެއްގެ ގޮތުގައި 200،000 ރުފިޔާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެހެންކަމުން ހިޔާގެ ކުލިން މިހާރު މިވަނީ 220،000 ރުފިޔާ މައާފުކޮށްދީފައެވެ.