ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކޯޑިން ދަސްކޮށްދިނުމަށް "އަވާ އޮފް ކޯޑް" ބޭއްވުމަށް ހަމަޖައްސައިފިއެވެ.
"އަވާ އޮފް ކޯޑް" އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހު ފާހަގަކުރާ އިންޓަނޭޝަނަލް ކޮމްޕިއުޓާ ސައިންސް އެޑިއުކޭޝަން ހަފުތާ ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. އެ ހަރަކާތަކީ، 180 އަށްވުރެ ގިނަ ގައުމުތަކުގެ އެތައް މިލިއަން ދަރިވަރުންނާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
އެއްގަޑިއިރުގެ ތެރޭގައި ކޮމްޕިއުޓާ ޕްރޮގްރާމިންއާ ބެހޭ މައުލޫމާތާއި ހަރަކާތްތައް ކުދިންނަށް ތައާރަފުކޮށްދޭ އެ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 އިން 20 އަށެވެ. އެ ހަރަކާތް ރާއްޖޭގައި ކުރިއަށްދާނީ ސްކޫލް ކުދިންނަށް އަމާޒުކޮށްގެން، އެޑިއުކޭޝަން މިނިސްޓްރީގެ އެއްބާރުލުމާއެކު ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
ދިރާގުން ބުނީ ޕްރީ ސްކޫލުން ފެށިގެން ތައުލީމީ ލެވެލްގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެ ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 1000 ދަރިވަރުން ބައިވެރިކުރުން ކަމަށާއި އެގޮތުން އެ ޕްރޮގްރާމު ބަހާލެވިފައިވަނީ، އެ ކުދިން ޝައުގުވެރިވާ އެކި ހަރަކާތްތަކާއެކު ފިޒިކަލް ސެޝަންތައް ވެސް ހިމެނޭގޮތަށް ކަމަށެވެ. އަދި އެ ޕްރޮގްރާމްގައި މެންޓާސްގެ ގޮތުގައި ދިރާގު، ވިމެން އިން ޓެކް މޯލްޑިވްސްގެ އިތުރުން ސްކޫލުތަކުގެ ޓީޗަރުން ހަރަކާތްތެރިވާނެ ކަމަށް ދިރާގުން ބުންޏެވެ.
ރާއްޖޭގައި ކޯޑް.އޯގްގެ ހަރަކާތްތައް ކުރިއަށްގެންދާ ބައިނަލްއަގުވާމީ ޕާޓްނަރަކީ ވިމެން އިން ޓެކް މޯލްޑިވްސްއެވެ. ޕާޓްނާޝިޕެއްގެ ދަށުން ވޭތުވެދިޔަ އަހަރުތަކުގައި ދިރާގާއި ވިމެން އިން ޓެކް އިން ދަނީ ކާމިޔާބުކަމާއެކު އެ ހަރަކާތް ރާއްޖޭގައި ކުރިއަށްގެންދަމުންނެވެ.
ދިރާގުން މައުލޫމާތުދޭ ގޮތުގައި، އެ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ދަރިވަރުންނަށް ވިމެން އިން ޓެކް މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.