އެމް ސެވަން ޕްރިންޓާސްއިން ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްތައް ޕްރިންޓް ކުރުމުގެ ހުއްދަދީފައިވަނީ އިންތިހާބު ފެށެން ކުޑަތަން ވެފައިވުމުން އެނޫން ގޮތެއް ނެތިގެން މަޖުބޫރުވެގެން ކަމަށް ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ ފިނޭންސް މިނިސްޓްރީން އެ މަސައްކަތް އެމް ސެވަންއަށް އެވޯޑުކޮށްފައިވަނީ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށާއި ހާއްސަ ހުއްދައަކީ ފިނޭންސް މިނިސްޓްރީން ވަކި ހާއްސަ ހާލަތެއްގައި ދެވޭ ހުއްދައެއް ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެންނަށް ދެ ހަފްތާއަށްވީމަ އަޅުގަނޑުމެން އެންމެ އިތުބާރު ކުރާ މުއައްސަސާއަކުން ރާއްޖޭގެ އިލެކްޝަން ބޭއްވުމަށްޓަކައި މިނޫން އެހެން ގޮތެއް ނެތޭ ދެންނެވީމަ ފިނޭންސް މިނިސްޓަރަކަށް މަޖުބޫރުވާނެ އެކަން އެގޮތަށް ކުރަން،" އޭނާ ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ދެ ބިޑެއް ހުށަހަޅާފައި އޭގެން އެންމެ އަގުބޮޑު ބިޑެއް ހުއްދަ ދޭށޭ ބުނީމަ އެކަން އެގޮތަށް ނުވާނެ ކަމަށް އަންގާފައިވާނެ ކަމަށާއި އަނެއްކާވެސް އިންތިހާބު ކައިރިވެފައި އޮއްވާ އައިސް ސެކިއުރިޓީ ފީޗާސްއަށް ބަލާއިރު ވެސް އެނޫން ބަޔަކަށް ދެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ކަމަށެވެ.
"އިލެކްޝަންސްގެ ތެރެއިން ފެނިގެން ހިނގައްޖެ މައްސަލަތަކެއް. އެހެންވީމާ އެ މައްސަލަތައް ބެލެން އެބަޖެހޭ. އަޅުގަނޑުމެން މިދައްކަނީ އެތައް ބައެއް ހައްގުތަކެއްގެ ވާހަކަ. މިފަހަރުގެ ވޯޓުން ފެނިގެންމިދަނީ މައިނޯރިޓީ ގްރޫޕެއްގެ ގޮތުގައި އަޅުގަނޑުމެންގެ ސަރުކާރު. އެހެންނަމަވެސް ކޮންމެ ވޯޓަކީ ވެސް ކޮންމެ ރައްޔިތެއްގެ ހައްގަކަށްވާއިރު މައްސަލައެއް އޮތްނަމަ އެކަމަށް ޖަވާބުދާރީވާން ޖެހޭ ފަރާތްތަކުން އެބަ ޖަވާބުދާރީވާންޖެހޭ،" އޭނާ ވިދާޅުވިއެވެ.
އެމްސެވަންގެ އިތުރުން އިންތިހާބުގެ ވޯޓު ކަރުދާސްތައް ޕްރިންޓުކުރަން ދެން ބިޑު ކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓާސްއެވެ. މީގެ ކުރީގެ އިންތިހާބުތަކުގައި ވޯޓު ކަރުދާސްތައް ޕްރިންޓުކުރަމުންދިޔައީ ނޮވެލްޓީންނެވެ.