ގައުމެއް ތަރައްގީވެގެން ދަނީ އެ ގައުމެއްގައި ކިޔަވައިގެން ތިބި ބަޔަކު އުފެދިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ގައުމެއް ތަރައްގީ ވެގެން ދަނީ އެ ގައުމެއްގައި ކިޔަވައިގެން ތިބި ބަޔަކު އުފެދިގެން ކަމަށާއި ފަންނުވެރި، ހުނަރުވެރި، ގާބިލު މުޖުތަމައަކީ ކުރިއަރައިގެން ދިއުމަށްޓަކައި ގައުމަކަށް ބޭނުންވާނެ އެންމެ ވަރުގަދަ އެސެޓް ކަމުގައެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި ކުރިއަށްދިޔަ މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ސަރުކާރުން ކުރިއަށް މިއޮތް ދުވަސްތަކުގައި ދިވެހިރާއްޖޭގެ އިންޑަސްޓްރީތަކަށް އެންމެ ބޭނުންވާ ދާއިރާތައް ބަލައި ދެނެގަތުމަށްފަހު އެދާއިރާތަކަށް ޒުވާނުން ބިނާކުރުމަށްޓަކައި މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވައިފައެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވަޒީފާގެ ފުރުސަތު ނުލިބޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށް ދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް އިންޑަސްޓްރީގެ އިސް ވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި ވަޒީފާ ދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނެތި އެކަށީގެންވާ އުޖޫރައާއި ކުރިއެރުން ދިނުމަށްވެސް އިންޑަސްޓްރީއާއި މުވައްސަސާތަކުގެ އިސްވެރިންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ގައުމުގެ ކުރިއެރުމަކީ، ނުވަތަ ތަރައްގީއަކީ ރައްޔިތުންގެ އަތްމަތީގައި އޮންނަ ކަމެއްކަމުގައި ފާހަގަކުރައްވައި ރައްޔިތުންނާ ނުލައި ހޯދޭނެ އެއްވެސް ކާމިޔާބީއެއް ނޯނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ނައިބު މިރޭ ވަނީ ވިދާޅުވެފައެވެ.
މިރޭގެ ހަފްލާގައި، މަތީ ވަނަތައް ހާސިލްކޮށްފައިވާ ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިއަދު ސްރީލަންކާގައި ހިނގާދިޔަ ހިތާމަވެރި ހާދިސާ، މުޅި ދިވެހި އެންމެހާ ރައްޔިތުންނާ ސަރުކާރުގެ ނަމުގައި ކުށްވެރިކުރައްވައިފައެވެ. އަދި މުޅި ގައުމު ސްރީލަންކާއާ އެކުގައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ދުނިޔޭގައި ހިންގާ މިފަދަ އަމަލުތައް ހުއްޓުވުމަށް މިސަރުކާރުން އަބަދުވެސް ބާރުއަޅުއްވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.