އެންމެން ގުޅެންވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕޮރްގުރާމުގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ އެންމެން ޕީއެންސީއަށް އައިސް އިދިކޮޅަށް މަސައްކަތްކުރާ އެންމެންނަށް ދައުވަތު ދީގެން ޕާޓީ ކުރިއެރުވުމަށް މަސައްކަތް ކުރަންވީ ކަމަށެވެ.
އިދިކޮޅަށް އޮތް އެންމެ ރަނގަޅު ޕާޓީ ކަމުގައި ދެކިގެން ރަނގަޅަށް މަސައްކަތްކޮށްފި ނަމަ 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ރަނގަޅު ނަތީޖާއެއް ލިބޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރަށް އޭނާ ވިދާޅުވީ 2023 ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށް އެއްވެސް މީހަކަށް ތަބަކަަކަށް ލާފައި ޓިކެޓް ނުދީ، ޕްރައިމެރީ އެއް ބާއްވައި، ޕްރައިމަރީގެ ތެރެއިން ގޮފިތަކުގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ޓިކެޓް ދޫކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި މަގާމުތަކަށް އަންނަން ޖެހޭނީ ޑިމޮކްރެޓިކް އުސޫލުގެ ދަށުން މަސައްކަތްކޮށް ޗެލެންޖް ކޮށްގެން ކަމަށެވެ.
ނިހާނު ވަނީ ދާދި ފަހުން ޕީޕީއެމްގެ ޕީޖީ ގްރޫޕު ލީޑަރުކަމުން އިސްތިއުފާ ދެއްވައި، ޕީޕީއެމްގެ ލީޑަރޝިޕަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި މިއަދު އޭނާ ވަނީ ޕީޕީއެމް ދޫކުރައްވައި، ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.