ޕަރަގުއާއީއަކީ ދެކުނު އެމެރިކާގެ ގައުމެކެވެ. އެގައުމުގެ ރައީސް ހޮރާޝިއޯ ކާޓެސް މީގެ ހަތް އަހަރު ކުރިން 2016 ވަނަ އަހަރު އިޒްރޭލަށް ދަތުރުފުޅެއް ކުރެއްވިއެވެ. އެތާގައި އޭނާ ވިދާޅުވިއެވެ. ހޮލޮކާސްޓެއް ނުވަތަ ގަތުލުއާއްމެއްގެ ސަބަބުން ނެތިގެން ދިޔައީ ހަމައެކަނި ޔަހޫދީ އާބާދީއެއް ނޫނެވެ. އަހަރެމެންނަކީވެސް އެޒާތުގެ ހޮލޮކާސްޓެއްގެ ސަބަބުން ގާތްގަޑަކަށް މުޅިންހެން މި ބިންމަތިން ފޮހެވިގެންދިޔަ ބައެކެވެ. ޕަރަގުއާއީގެ ރައީސް މި އިޝާރާތް ކުރެއްވި ހޮލޮކާސްޓަކީ ކޮބައިބާވައެވެ. ދުނިޔޭގެ ތާރީޚަށް ޝައުގުވެރިވާ ދިވެހިންނަށްޓަކައި އެ ހާދިސާއަށް ބަލައިލަމާބަހީއެވެ. ރައީސް ހޮރާޝިއޯ ކާޓެސް އެވިދާޅުވާ ހޮލޮކާސްޓަކީ މީގެ 159 އަހަރު ކުރިން މީލާދީން 1864 ވަނަ އަހަރުން ފެށިގެން 1870 ވަނަ އަހަރާ ހަމައަށް ޖުމްލަ 6 އަހަރަށް ދެކުނު އެމެރިކާގައި ކުރިއަށްދިޔަ ވަރަށް ބިރުވެރި ހަނގުރާމައެކެވެ. އެ ހަނގުރާމައިގައި ޕަރަގުއާއީގެ އާބާދީގެ ކޮންމެ ތިން މީހެއްގެ ތެރެއިން ދެ މީހުންވަނީ މަރުވެފައެވެ.
ކުރިން ދެންނެވި އަދަދަށް މީހުން މަރުވުމުގެ އިތުރަށް ޕަރަގުއާއީގެ މުޅި ސަރަހައްދުގެ ތިންބައިކުޅަ ދެބައިވެސް ވަނީ ދާއިމީގޮތެއްގައި ގެއްލިގެން ގޮސްފައެވެ. އެގޮތަށް ގެއްލުނު އެއްބައި އޮތީ މިހާރު ބްރެޒިލްގައެވެ. އަނެއްބައި މިހާރު އޮތީ އާޖެންޓީނާގައެވެ. މި ހަނގުރާމައަކީ ތިން ގައުމަކާ ދެކޮޅަށް ޕަރަގުއާއީ އަމިއްލައަށް ފެށި ހަނގުރާމައެކެވެ. އެންމެފުރަތަމަ އުރުގުއާއީއާ ދެކޮޅަށެވެ. އެއަށްފަހު ބްރެޒިލްއާ ދެކޮޅަށެވެ. ދެން އާޖެންޓީނާއާ ދެކޮޅަށެވެ. އެހެންވީމާ ބްރެޒިލް، އާޖެންޓީނާ އަދި އުރުގުއާއީ މި ހަނގުރާމައެއް ކުރީ ގުޅިފައިވާ އިއްތިހާދެއްގެ ތެރެއިންނެވެ. ޕަރަގުއާއީ ކުރި ހަނގުރާމައެއްކުރީ ގިނިކަންޏާއެވެ. ހަނގުރާމައިގެ އަސްލަކީ ޕަރަގުއާއީގެ ރައީސް ފްރަންސިސްކޯ ސޮލާނޯ ލޯޕެޒްއެވެ. އެއީ އަމިއްލަ އެދުން ވަރަށް ބޮޑު، ކިބުރުވެރި، އަނިޔާވެރި ޖައްބާރު ވެރިއެކެވެ. އޭނާއަކީ ޕަރަގުއާއީގެ ފުރަތަމަ ރައީސް ކާލޯސް އެންޓޯނިއޯ ލޯޕެޒްގެ ދަރިއެވެ. ބަފައި މަރުވީމާ ގައުމުގެ ވެރިކަމަށް ދަރި އިސްވީއެވެ.
ޕަރަގުއާއީއަކީ އެދުވަސްވަރު ދެކުނު އެމެރިކާ ބައްރުގައިވާ އެންމެ މުއްސަނދި އެއްގައުމެވެ. އޭރު މުޅި ގައުމުގެ އާބާދީއަކީ ގާތްގަޑަކަށް 1.3 މިލިޔަން މީހުންނެވެ. މުޅި ސަރަހައްދުގައިވެސް އެންމެ ވަރުގަދަ އެންމެ ބިޔަ އެއް ލަޝްކަރު އޮތީ ޕަރަގުއާއީގައެވެ. މިހެންވީމާ ރައީސް ސޮލާނޯ ލޯޕެޒް ގަސްތުކުރީ މުޅި ދެކުނު އެމެރިކާ އަތްދަށުލައި ޕަރަގުއާއީގެ ވެރިކަން މުޅި ކޮންޓިނެންޓަށް ފެތުރުމަށެވެ. ދެކުނު އެމެރިކާގެ ނެޕޯލިއަންކަމަށް ވުމަށެވެ. މުޅި ޔޫރަޕް އަތްދަށުލާން ޖަރުމަނީގެ އެޑޮލްފް ހިޓްލަރު ތަންކޮޅެއް ފަހުން މަސައްކަތްކުރި ބީދައިންނެވެ. ކޮންމެއަކަސް މި ހަނގުރާމައެއް ނިމުނުއިރު ޕަރަގުއާއީގެ ފިރިހެނުންގެ އާބާދީގެ 90 އިންސައްތަ ވަނީ މަރުވެފައެވެ. ރައީސް ސޮލާނޯ އެންމެ ފުރަތަމަ ކުރިކަމަކީ އަވަށްޓެރި އުރުގުއާއީގެ ވެރިކަން ފުރޮޅާލައި އޭނާގެ ގޮނޑިކޮއްކޮ ވެރިޔަކު އެތަނުގައި ބެހެއްޓުމެވެ. މިކަން ކާމިޔާބުކުރިތަނުން މައްސަލަ ގޯސްވީ ބްރެޒިލްގެ މަދަދާއެކު އެ ސަރުކާރު ވައްޓައިލުމުންނެވެ.
ބްރެޒިލްއަކީ އޭރުވެސް އާބާދީގެ ގޮތުންނާއި ސައިޒުގެ ގޮތުން ޕަރަގުއާއީއަށްވުރެ ބިޔަ ގައުމެކެވެ. ބްރެޒިލްގެ އޭރުގެ އާބާދީއަކީ 9 މިލިޔަނެވެ. އެކަމަކުވެސް ޕަރަގުއާއީގެ ރައީސް ގަސްތުކުރީ އިސްވެ ބްރެޒިލްއަށް ހަމަލަދީ އަރައިގަތުމަށެވެ. އެގޮތުން ރައީސް ސޮލާނޯ ލޯޕެޒްގެ އަމުރަށް ޕަރަގުއާއީގެ ސިފައިން ބްރެޒިލްގެ އާގުބޯޓުފަހަރު ފޭރި އެންމެފަހުން ބްރެޒިލްގެ މާޓޯ ކްރޯސޯ ސަރަހައްދަށް އަރައި އެތައް ސަހަރެއް ހިފައި ޕަރަގުއާއީގެ ދިދަ ނަގައިފިއެވެ. ނަތީޖާއެއްގެ ގޮތުން ޕަރަގުއާއީއާ ދެކޮޅަށް ބްރެޒިލް ރަސްމީގޮތުން ހަނގުރާމައިގެ ތެރެއަށް ވަދެއްޖެއެވެ. ރައީސް ލޯޕެޒް އުފެއްދި ގޮނޑިކޮއްކޮ ސަރުކާރު އުރުގުއާއީގައި ވައްޓާލައި ބްރެޒިލްއަށް ތާއީދުކުރާ ބަޔަކު އެގައުމުގެ ވެރިކަމަށް އައީމާ އެއްފަހަރާ ދެ ދުޝްމަނުންނާ ކުރިމަތިލާން ޕަރަގުއާއީއަށް ޖެހިއްޖެއެވެ. އެއީ އުރުގުއާއީ އާއި ބްރެޒިލްއެވެ. އުރުގުއާއީއަށް އަދަބުދެވެން އޮތީ އެގައުމަށް އަރައިގެންނެވެ. އެކަން ކުރެވެންއޮތީ އާޖެންޓީނާ ހުރަސްކޮށްފައެވެ.
އާޖެންޓީނާއަކީ އޭރު ދެ މިލިޔަން މީހުންގެ އާބާދީއެއް އޮތް ގައުމެކެވެ. އާބާދީގެ ގޮތުންވެސް އަދި ސައިޒުގެ ގޮތުންވެސް ޕަރަގުއާއީއަށްވުރެ ބިޔަ ގައުމެކެވެ. އެކަމަކު ދެވަނަ ވިސްނުމަކަށްވެސް ނުގޮސް 1865 ގައި އާޖެންޓީނާއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް ހަނގުރާމަ ފަށައިފިއެވެ. އާޖެންޓީނާއަށް އަރައި އެތައް އަވަށެއް ހިފައިފިއެވެ. މިހެންވީމާ އާޖެންޓީނާއަށް ޖެހުނީ ބްރެޒިލް އާއި އުރުގުއާއީއާއެކު އިއްތިހާދެއް ހަދައި ހަނގުރާމައިގައި ސީދާގޮތުން ބައިވެރިވުމަށެވެ. މި އިއްތިހާދަށް ކިޔަނީ ޓްރިޕަލް އެލަޔަންސެވެ. މި އިއްތިހާދެއް 1 މެއި 1865 ގައި ވުޖޫދުވި ހިސާބުން ހަނގުރާމައިގެ އޮއިވަރު މުޅިން ބަދަލުވެއްޖެއެވެ. އިދިކޮޅު ލަޝްކަރުތައް މާބޮޑަށްވެސް ބިޔަވެއްޖެއެވެ. މި ލަޝްކަރުތަކުން ޕަރަގުއާއީ ވަށާލައިފިއެވެ. ބަނދަރުތައް ބަންދުކޮށް ބޯޓުފަހަރު ފޭރިގެންފިއެވެ. އެއްވެސް މުދަލެއް ބޭރުވިޔަނުދީ އަދި އެތެރެވެސް ވިޔަނުދީ މުޅި ގައުމު ބައްދާލައިފިއެވެ. އިސާހިތަކު ބޭހާއި ކާނާޔާއި ހަތިޔާރަށް ޖެހިއްޖެއެވެ.
ހަތިޔާރާއި ވަޒަން ހުސްވީމާ ދެންޖެހުނީ ކަނޑިއާއި ލޮންސިން ހަނގުރާމަކުރާށެވެ. ޓްރިޕަލް އެލަޔަންސްގެ ލަޝްކަރުތަކުން ދެންވެސް ބޭނުންކުރީ ބަޑިއެވެ. މިދަނޑިވަޅުގައި ޕަރަގުއާއީގެ އަސްކަރީ ކޭމްޕުތަކުގައި ކޮލެރާޔާއި ހިމަބިއްސާއި މިހެންގޮސް ނުރައްކާތެރި އެތައް ވަބާއެއް ހަލުވިކަމާއެކު ފެތުރި އެތައް ލައްކަ ބަޔަކު ފަނާވެއްޖެއެވެ. ފަނާވެގެންދާ މީހުންގެ ބަދަލުގައި ހަނގުރާމައިގެ މައިދާނަށް ތޭރައަހަރު ފުރިފައިވާ ކޮންމެ ކުއްޖަކުވެސް ނެރެން ރައީސް ލޯޕެޒް އަމުރުކޮށްފިއެވެ. ޖަލުތަލުގައި ތިބި ކުށްވެރިންވެސް ހަނގުރާމައިގެ މައިދާނަށް ނެރެފިއެވެ. އަވަށްތަކާއި ސަހަރުތަކުން މީހުން ފައިބައި އިމާރާތްތައް މުގުރައި ޖަންގަލިތަކަށް ބަދަލުވާންވެސް އަންގައިފިއެވެ. މިހެންހެދީ ދުޝްމަނުންގެ އަތްމައްޗަށް އެއްވެސް ސަހަރެއް ދިޔަނުދިނުމުގެ ގޮތުންނެވެ. ބަލިމަޑުކަމުގެ އިތުރަށް ހައިހޫނުކަންވެސް މުޅި ގައުމުގައި ފެތުރިއްޖެއެވެ. އެންމެފަހުން ރައީސް ލޯޕެޒް އަމިއްލަޔަށް ހަނގުރާމައިގެ އެންމެކުރީ ސަފަށް ނުކުމެއްޖެއެވެ.
ހަނގުރާމައިގެ މައިދާނުގައި އެންމެފަހުން 1 މާރޗް 1870 ގައި ބްރެޒިލްގެ ލަޝްކަރާ ކުރިމަތިލައިގެން ރައީސް ލޯޕެޒް ޒަޚަމްވެ ޕަރަގުއާއީގެ ސޭރާކޯރާއޭ ކިޔާ ސަރަހައްދަށް ވެއްޓިއްޖެއެވެ. އޭނާގެ ކައިރިއަށް ދިޔައީ ބްރެޒިލްގެ ޖެނެރަލެއް ކަމަށްވާ ހޯސޭ އެންޓޯނިއޯ ކަމަރާއެވެ. ހަމަދިޔުމާއެކު ފުންމައިގެން ތެދުވެ އުޅުނީ އެ ޖެނެރަލް ގަތުލުކުރާށެވެ. ކަނޑި އެއްލާލާފައި އަމާންދޭށޭ، ފުރާނަ ސަލާމަތްކޮށްދޭނަމޭ ބުނީމާ ރައީސް ލޯޕެޒް ދިނީ މިޖަވާބެވެ. މި ގައުމާއެކު އަހަރެންވެސް މަރުވާނީއެވެ. އަމާނެއް ނުދޭނަމެވެ. އެހެން ބުނީމާ ބްރެޒިލްގެ އޮފިސަރު އޭނާ މަރައިލީއެވެ. މިމަރާއެކު ހަނގުރާމަވެސް ނިމުނީއެވެ. އެކަމަކު އޭގެ 159 އަހަރު ފަހުން ޕަރަގުއާއީ އަދިވެސް އުޅެނީ އެ ގެއްލުންތަކާއި ވީރާނާކަމުން އަރައިނުގަނެވިގެންނެވެ. ޕަރަގުއާއީގެ ރައްޔިތުން ގަބޫލުކުރާގޮތުގައި ރައީސް ލޯޕެޒްއަކީ އެއްވަނަ ދަރަޖައިގެ ގައުމީ ބަތޮލެކެވެ. އޭނާގެ ޒިކުރާ އައުކުރުމަށާއި ޝަރަފުވެރި ކުރުމަށް އެތާގެ ފައިސާފޮތީގައިވެސް ރައީސް ލޯޕެޒްގެ ތަސްވީރު ކުރަހާފައިވެއެވެ.