ޚަބަރު

މޯލްޑިވިއަންގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ލޯފަން މީހުންގެ ޖަމިއްޔާއަށް

މޯލްޑިވިއަންގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ލޯފަން މީހުންގެ ޖަމިއްޔާ، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އަށް ހަދިޔާ ކޮށްފިއެވެ.

މޯލްޑިވިއަން އިން ބުނީ މިއީ މޯލްޑިވިއަންގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގައި އެއްލައްކަ ރުފިޔާ ލޯފަން މީހުންގެ ޖަމިއްޔާއަށް ހަވާލުކޮށްފައިވާ ކަމަށް މޯލްޑިވިއަން އިން މައުލޫމާތު ދެއެވެ.

މި ފައިސާއާ ހަވާލުވުމަށްފަހު، ލޯފަން މީހުންގެ ޖަމިއްޔާއިން ބުނީ މި ފައިސާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ މުޖުތަމައު ހޭލުންތެރި ކުރުމުގެ ޕްރްގުރާމުތައް ކުރިއަށް ގެންދިއުމަށާއި ލޯފަން މީހުންގެ ލާބަޔާއި މަންފާއަށްތަކާ ކަމުގައެވެ. މީގެ އިތުރުން ލޯފަން މީހުންގެ ޖަމިއްޔާއިން ބުނީ މިއީ މިހާތަނަށް ކުންފުންޏަކުން މިހާ ގިނަ އަދަދަކަށް ފައިސާގެ އެހީއެއް ދިން ފަހަރު ކަމަށެވެ. އެކަމަށްޓަކައި މޯލްޑިވިއަންގެ އެންމެހާ ސްޓާފުންނާއި އިސްވެރިނަށް ޝުކުރު ދަންނަވާ ކަމަށް ވަނީ ބުނެފައެވެ.