ޚަބަރު

ފެނަކައިގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރަން އެދުމުން ޕީޖީގެ މަސައްކަތްތަކަށް ބަދަލެއް

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ގިނަ މުވައްޒަފުންތަކެއް ކުށުގެ ރެކޯޑް ސާފުކުރުމަށް އެއް ފަހަރާ ހުށަހެޅުމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކަށް ބާރު ބޮޑުވެ، ރަސްމީ ގަޑީގައި އެކަނި ކުށުގެ ރެކޯޑް ސާފުކުރެވޭ ގޮތް ހަދައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ޝާއިއުކުރި ލިއުމެއްގައި ބުނީ، އެ އޮފީހުގެ ކުށުގެ ރެކޯޑު ސާފުކުރުމަށް އެދި، އޮންލައިންކޮށް ހުށަހަޅާ މައްސަލަތަކުގައި އާންމުގޮތެއްގައި އެއް ދުވަހުގެ ތެރޭގައި ސާފުކޮށްދެމުން އަންނަ ކަމަށާއި ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރުމަށް އެދި ހުށަހެޅުމުން ނިޒާމު ތޮއްޖެހި، އެ އޮފީހުގެ އެހެން ހިދުމަތްތަކަށްވެސް އިއްޔެ ބުރޫއެރި ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ، އާއްމު ގޮތެއްގައި ޕީޖީ އޮފީހުން ކުށުގެ ރެކޯޑް ސާފުކޮށްދެނީ އަހަރަކު 13،000 އެއްހާ ފޯމު ކަމަށާއި ނަމަވެސް އިއްޔެ އެކަނި 3،930 ފޯމު ލިބިފައިވާ ކަމަށެވެ. ރޭގަނޑާއެކު މަސައްކަތް ކޮށްގެން އޭގެ ތެރެއިން 3419 ފޯމުގެ ރެކޯޑު ސާފުކޮށްދީފައިވާ ކަމަށްވެސް ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ، އެއީ ދެމެހެއްޓެނިވި ކަމަކަށް ނުވާތީ، މި ދުވަސްކޮޅު ރެކޯޑު ސާފުކޮށްދިނުން ހިނގާނީ ރަސްމީ މަސައްކަތު ވަގުތަގައި އެކަނި ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ރަސްމީ ވަގުތު ނިމެންދެން އެ ދުވަހަކަށް ސާފުކޮށްދެވުނު ވަރަކަށް ސާފުކޮށްދޭނެ ކަމަށާއި މިހާރު އޮތް ފޯމުތަކުގެ ބެކްލޮގް ސާފުވުމުން، ކުރިންވެސް ހިދުމަތް ދެމުން ގެންދިޔަ ގޮތަށް ދުވަހުން ދުވަހަށް ފޯމުތައް ސާފުކޮށްދެމުން ގެންދާނެ ކަމަށް ބުންޏެވެ.