ލައިފް ސްޓައިލް

ނެޝަނަލް ޖިއޮގްރަފިކުން ބުނަނީ ރާއްޖޭގެ ގޮނޑުދޮށް އުފެދިފައިވަނީ މަހެއްގެ ގުއިން ކަމަށް ވެދާނެއޭ!

އައިޝަތު އަފްޝަން

5

ރާއްޖޭގެ ރަށްތައް އުފެދިފައި މި އޮތީ ކިހިނެއް ހެއްޔެވެ؟ އެ ރަށްތަކުގެ ގޮނޑުދޮށުގައި އޮންނަ ރީތި ދޮންވެލިގަނޑު އުފެދިފައި މި އޮންނަނީ ކިހިނެއް ހެއްޔެވެ؟ މި ކަމާ ގުޅޭ ގޮތުން ނެޝަނަލް ޖިއޮގްރަފިކް ޗެނަލް އިން ދާދި ފަހުން ދޫކޮށްލި ވީޑިއޯއެއް ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ. އެ ވީޑިއޯގައި ބުނަނީ ރާއްޖޭގެ ޗާލު ދޮންވެލި ބީޗުތަކުގެ ހަގީގަތަކީ މަހެއްގެ ބޮޑުކަމުދާ ތަކެތި ކަމަށް ވެދާނެ ކަމަށެވެ.

ދާދި ފަހުން ޓިކްޓޮކްގައި އެ ޗެނަލުން ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައި ވަނީ ރާއްޖެ ދެމިއޮތުމުގެ އެންމެ ބޮޑު ސިއްރަކީ "ޕެރޮޓްފިޝް"ގެ ބޮޑުކަމުދާތަކެތި ކަމުގައި ވެދާނެ ކަމަށެވެ. އެގޮތުން، ޕެރޮޓްފިޝް އަކީ މުރަކައިގައި ދިރިއުޅޭ މަހެއް ކަމަށާއި، އެ މަހުގައި ހުންނަ ތޫނު ދަތްޕިލައިން މުރަކަތައް ހަފައި ކުދިކުރާ ކަމަށެވެ.

އެ މަސް މުރަކަ ކެއުމަށް ފަހު އެތަކެތި ބޮޑުކަމުދާ ތަކެތީގެ ގޮތުގައި ބޭރުކުރާ ކަމަށާއި އެ ބޮޑުކަމުދާތަކެތި ހުންނަނީ ވެލީގެ ގޮތުގައި ކަމަށްވެސް އެ ވީޑިއޯގައި ބުނެއެވެ. އަދި އެ ބާވަތުގެ މަސް ކައިއުޅޭ ތަކެތީގެ ސަބަބުން އެ މަސް އާންމުކޮށް އުޅޭ ސަރަހައްދުތަކުން އޭގެ އަސަރު ފެންނަ ކަމަށާއި ބައެއް ރަށްރަށުގެ ގޮނޑުދޮށުގެ ވެލިގަނޑުގެ 70 ޕަސަންޓަށްވުރެ ބޮޑު އަދަދަކީ ޕެރޮޓްފިޝްގެ ބޮޑުކަމުދާ ތަކެތި ކަމަށްވެސް ބުނެފައިވެއެވެ.

އެ ވީޑިއޯއަކީ ނެޝަނަލް ޖިއޮގްރެފިކް ޗެނަލްގެ "ވަން ސްޓްރޭންޖް ރޮކް" ކިޔާ ޑޮކިއުމެންޓްރީއެއްގެ ކުޑަ ތަންކޮޅެކެވެ. އެ ވީޑިއޯ ހިއްސާކުރަމުން އެ ޗެނަލުން ވަނީ ގޮނޑުދޮށުގެ ވެލިގަނޑުގެ ބޮޑު ބަޔަކީ މަހެއްގެ ބޮޑުކަމުދާތަކެތިކަން އެނގުމުންވެސް އަދިވެސް ބީޗަށްް ދާން ލޯބިކުރާނަންތޯ ސުވާލުކޮށްފައެވެ.

ބައެއް ދިވެހީންވެސް އެ ވީޑިއޯއަށް ކޮމެންޓު ކޮށްފައިވާއިރު، އަހަރެމެންގެ ކާބަފައިން ދަތް އުނގުޅައި އުޅުނީ ބމަހެއްގެ ބޮޑުކަމުދާ ތަކެތިންތޯ ބުނެ ޖޯކު ޖަހާފައި ވެސް ވެއެވެ. އަދި ބައެއް ދިވެހީން ބުނީ މިއީ ތެދަކަށް ވާނަމަ ޕެރޮޓްފިޝްއަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟