ރަމަޟާންމަހުގައި ކިޔަވައިދޭން ހަމަޖެހިފައިވާ ގަޑިތައް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ރޯދަމަހު ސްކޫލުތަކުގައި ކިޔަވައިދޭނީ 8:30 ން 15:00 ހަމައަށް ކަމަށެވެ. އެގޮތުން ހެނދުނުގެ ދަންފަޅި 8:30 އިން 9:00 ދޭތެރޭގައި ފަށަން ޖެހޭނެ ކަމަށެވެ. މިގޮތަށް ގަޑި ކަނޑައަޅާއިރު ބެލެނިވެރިންނަށް އުނދަގޫ ނުވާނެހެން ސްކޫލު ފަށާގަޑި ހަމަޖެއްސުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ރަމަޟާންމަހު އެލްކޭޖީ އާއި ޔޫކޭޖީގެ ދަރިވަރުންގެ ކިޔަވުން ކަނޑައަޅާފައިވަނީ އެއް ގަޑިއިރާއި 30 މިނެޓަށެވެ. ގްރޭޑް އެކަކުން ހައެއްގެ ދަރިވަރުންނަށް ކިޔަވައިދޭން ކަނޑައަޅާފައިވަނީ ދެ ގަޑިއިރާއި 30 މިނެޓެވެ. އަދި ގްރޭޑް ހަތަކުން ބާރައިގެ ދަރިވަރުންނަށް ކިޔަވައިދޭން ކަނޑައަޅާފައިވަނީ ތިންގަޑިއިރުއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރޯދަމަހު ޕީރިއަޑެއްގައި ކިޔަވައިދޭން ވާނީ 30 މިނެޓާއި 45 މިނެޓުގެ ދިގު މިނެއްގައި ކަމުގައެވެ. އަދި ރޯދަމަހަށް ކަނޑައަޅާ ހާއްސަ ޕްރޮގްރާމުގެ ދަށުން ދެ ހަފްތާތެރޭގައި ހުރިހާ މާއްދާއެއް ކިޔެވޭނެ ގޮތަށް ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.