ޝަހީދާ އަބްދުﷲ ސައީދު
ސްރީލަންކާގައި ކާފިއު އިއުލާންކޮށްފައިވާތީ މިދުވަސްވަރު ޗެކްކުރުން ގިނަވާނެ ކަމަށާއި ފުރާ ދިވެހިން އެއާޕޯޓަށް ދަތުރު ފަށާއިރު ޕާސްޕޯޓާއި ޓިކެޓް ފަސޭހައިން އަތުޖެހޭ ގޮތަށް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު ކޮމިއުނިކޭޝަން މިއުވާން މުހައްމަދު މިރޭ ވިދާޅުވީ، ފުރާ މީހުން ފުލުހުންގެ ފަރާތުން ލިޔުން ހޯދަން ނުޖެހޭނެ ކަމަށެވެ.
ލަންކާއިން އެއްވެސް ގައުމަކަށް ފުރައިގެންދާނަމަ ފުރައިގެންދާ ދިވެހި މީހާ އެއާޕޯޓަށް ދަތުރު ފަށާއިރު އެމީހާގެ ޕާސްޕޯޓާއި ޓިކެޓް އަތުގައި ބާއްވަންވާނެ ކަމަށެވެ. އަދި ފުރާ މީހުން ފިޔަވައި އިތުރު މީހުން އެއާޕޯޓަށް ނުދިއުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
މިއުވާން ވިދާޅުވީ ފުރަން ތައްޔާރުވެ ދަތުރު ފަށާއިރު ކާފިއު އިއުލާންކޮށްފައި އޮތުމުން ސަލާމަތީ ބާރުތަކުން މަގުތަކުގައި ހަރަކާތްތެރިވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އަދި ތަންތަންކޮޅުން ޗެކް ޕޮއިންޓްތަކުން ޗެކް ކުރާނެ ކަމަށެވެ.
މިއިން ކޮންމެ ޗެކް ޕޮއިންޓަކުން ވެހިކަލު ޗެކު ކުރާނެ ކަމަށާއި އަދި އެއާޕޯޓްގައިވެސް ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށް ޗެކްޕޮއިންޓްތައް އިތުރުކޮށްފައިވާކަމަށް މިއުވާން ވިދާޅުވިއެވެ.
''ފުރަންދާ މީހުން ފުލުހުންގެ ލިޔުމެއް ހޯދާކަށް ނުޖެހޭނެ. ހަމައެކަނި ދަތުރަށް ފަށާއިރު ޕާސްޕޯޓާއި ޓިކެޓް އޮންނަންވާނީ ފަސޭހައިން އަތުޖެހޭ ހިސާބުގައި. މަގުތަކުގައި ޗެކް ޕޮއިންޓްތައް އިތުރުވާނެ މިހާރު އެއާޕޯޓްގަވެސް. އެއިން ކޮންމެ ތަނަކުން ޗެކްކުރާނެ. ކާފިއު ހިންގާފައިވަނިކޮށް މަގުތަކަށް ނުކުމެ އުޅުމަކީ ގާނޫނީގޮތުން މަނާކަމެއް.'' މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ކާފިއު އިއުލާންކޮށްފައި ވަނިކޮށް އެއްވެސް ހާލެއްގައި މަގުތަކަށް ނުކުމެ އުޅުމަކީ ގާނޫނީ ގޮތުން މަނާކަމެއް ކަމަށާއި ރައްކާތެރި ގޮތަކީ ބޭރަށް ނުނިކުތުން ކަމަށެވެ. މިއަދު ދިން ބޮމުގެ ހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް އަނިޔާ ލިބިފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ދިވެހި އެމްބަސީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހިންގެ ހާލުވެސް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އެއްވެސް އެހީތެރިކަމެއް ބޭނުންނަމަ އެ އެމްބަސީގެ 94727277072، 9476608660 އަދި 94764189900 ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދިޔުމަށް އެދޭކަމަށެވެ.
ލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 207 މީހުން ވަނީ މަރުވެފައެވެ. އަދި 400 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި ހާދިސާގައި މަރުވި އެހެން ގައުމުތަކުގެ މީހުންގެ އަދަދު 11 އަށް އަރާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ލަންކާގައި މިއަދު ހެނދުނު ދިން ހަމަލާތައް އަމާޒުކޮށްފައިވަނީީ ޗާޗުތަކަށާއި ހޮޓާތަކަށެވެ.
މިއަދަކީ ނަސޯރާއިން ފާހަގަކުރާ "އީސްޓާ" ކިޔާ ފެސްޓިވަލެއް ފާހަގަކުރަމުން އަންނަ ދުވަހެކެވެ. ހަމަލާ ދީފައިވާ ހޮޓާތަކަކީ، ސިނަމޮން ގްރޭންޑް، ކިންގްސް ބަރީ އަދި ޝަންގްރިއްލާ ހޮޓަލެވެ.
މީގެ އިތުރުން ދެހިވަލާއާއި، ޑެމަޓަގޮޑާގައިވެސް ވަނީ ހަމަލާތަކެއް ދީފަައެވެ. ލަންކާގައި 8 ވަނަ ބޮމުގެ ހަމަލާ ދީފައިވަނީ ޑެމަޓަގޮޑާ އަށެވެ. މިއީ ބަންޑާރަނަޔަކަ އެއާޕޯޓާ ކައިރި ސަރަހައްދެކެވެ.