އ.ދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ މިސް ޝޯކޯ ނޯޑާ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސް އޮފީހުން ބުނީ މިއަދުގެ ބައްދަލުކުރެއްވުމުގައި މިސް ޝޯކޯ ނޯޑާ ދެއްކެވި ވާހަކަފުޅުގައި ފާއިތުވި ގިނަ އަހަރުތަކުގައި ރާއްޖޭގައި އެކަމަނާ މަސައްކަތްކުރެއްވީ ވަރަށް ހިތްހަމަޖެހިވަޑައިގަތުމާއެކުކަން ފާހަގަކުރެއްވި ކަމަށެވެ. އަދި އެކަމަނާ ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވާ މި ދަނޑިވަޅަކީ ރާއްޖެއަށް ސިޔާސީ ގޮތުން ހަމަޖެހުން އައިސް، އެކި ދާއިރާތަކުން ދިވެހިރާއްޖެ ދުނިޔެއަށް އިތުރަށް ހުޅުވިފައިވާ ދަނޑިވަޅެއްކަން ފާހަގަކުރައްވައި، ރާއްޖެއަށް އެކިގޮތްގޮތުން އިތުރު ކުރިއެރުމާއި ފާގަތި ކަމަށް އެދިވަޑައިގެންނެވި ކަމުގައެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި ޔޫއެންޑީޕީ އަކީ ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު އެއް ބައިވެރިޔާކަމާއި އަދި އެއީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސޯދީ ކުރިއެރުމަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ އ.ދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރގެ މަގާމުގައި ހުންނަވައިގެން މިސް ޝޯކޯ ނޯޑާ ދިވެހިރާއްޖެއަށް ކުރެއްވި ހިދުމަތްތަކުގެ އަގުވަޒަން ކުރައްވައި، އެކަމަނާއަށް ޝުކުރު އަދާކުރައްވައިފައެވެ.
މިސް ނޯޑާގެ ވާހަކަފުޅުގައި، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ހޯދި ބޮޑު ކާމިޔާބީއަށް އިޝާރާތްކުރައްވައި، ސަރުކާރުގެ ވައުދުތައް ފުއްދުމުގައި މިކަން އިތުރު ބާރަކަށް ވެގެންދާނެކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. މީގެ އިތުރުން އެކަމަނާ ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމާއި، ލާމަރުކަޒީކޮށް ހިންގުމާއި ސަރުކާރުގެ އެކިފަންތީގައި އަންހެނުންގެ ދައުރުފުޅާކޮށް، އެކަނބަލުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ޔޫއެންޑީޕީގެ ޓީމާއި އަދި މިސް ޝޯކޯ ނޯޑާއަށްފަހު ދެން އެމަގާމަށް ވަޑައިގަންނަވާ ބޭފުޅަކާއެކު ވެސް ގުޅިގެން މަސައްކަތްކުރައްވައި، ސަރުކާރުން ރައްޔިތުންނަށް ވައުދުވެފައިވާ ފަދައިން ދެމެހެއްޓެނިވި ތަރައްގީ ހާސިލްކުރުމަށް ކުރަމުންގެންދާ މަސައްކަތުގައި ސަރުކާރުން ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި މިސް ޝޯކޯ ނޯޑާ ރާއްޖެއަށް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވައި، އެކަމަނާގެ މަސައްކަތަށް ފަހި ކުރިމަގަކަށް ރައިސުލްޖުމްހޫރިއްޔާގެ ނާއިބު އެދިވަޑައިގެންނެވިއެވެ.