ޚަބަރު

ކަރަންޓުގެ 33 ޕަސަންޓު އިޔާދަކުރަނިވި ހަކަތައިން އުފެއްދުމުގެ އަމާޒު ހާސިލުވާނެކަން ޔަގީންވެއްޖެ: ރައީސް

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކަރަންޓުގެ 33 ޕަސަންޓު އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ކަނޑައެޅި އަމާޒު ހާސިލުވާނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތުރުކީއަށް ކުރެއްވި ދަތުރުފުޅަށްފަހު، ކޮޕް28 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޔޫއޭއީގެ ދުބައީއަށް ކުރެއްވި ދަތުރު ނިންމަވައިލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކަރަންޓުގެ 33 ޕަސަންޓު އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ކަނޑައެޅި އަމާޒު ހާސިލުކުރަން ރާވާފައިވަނީ ދެގޮަތަކަށް ކަމަށެވެ.

އެގޮތުން ފުރަތަމަ ގޮތަކީ ޑައިރެކްޓު ފައިނޭންޝިއަލް އެސިސްޓެންޓު ކަމަށެވެ. ދެވަނަ ގޮތަކީ ރިނިއުބަލް އެނާޖީއާ ގުޅޭ އިންވެސްޓުމެންޓުތައް މެދުވެރިކޮށް ކަމަށެވެ. ކަރަންޓުގެ 33 ޕަސަންޓު އިއާދަކުރަނިވި ހަކަތައިން އުފެއްދުމަކީ 600 މިލިއަން ޑޮލަރުގެ އިންވެސްޓުމެންޓެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ފަސް އަހަރުގެ ތެރެއަށް ބަލާއިރު މިހާރު މި ކޮމިޓުވާ އަދަދުތަކަށް ބަލާއިރު ރާއްޖެ ކަހަލަ ގައުމަކަށް އެއީ ވަރަށް ފަސޭހައިން އެޗީވް ކުރެވޭނެ ކަމެއް އިރާދަކުރެއްވިއްޔާ އެކަންވާނެ. 100 ޕަސަންޓު ޔަގީން، ކިހާވަރެއްގެ ޔަގީންކަމެއްތޯ ސުވާލުކުރީ، ފުރިހަމަ ޔަގީންކަން އެބައޮތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ އަމާޒު ހާސިލުވާނެކަމުގެ ޔަގީންކަން ލިބުނީ އެންވަޔަރުމެންޓު ޓީމުން ހެދި ދިރާސާތަކުން ކަމަށެވެ.

މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބޭ 600 މިލިއަން ޑޮލަރުން ސޯލާ ވިންޑު ޕަވާ ޕްރޮޖެކްޓްސް އަދި ރިނިއުބަލް އެނާޖީ އުފެއްދުމަށް ހަރަދުކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކާއި ކުނި މެނޭޖު ކުރުމުގެ މަޝްރޫއުތަކަށް ވެސް އިންވެސްޓު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަސައްކަތްތައް ކޮށް ނިމުމުން، އިތުރަށް ފައިސާ ހުރިނަމަ، ތިމާވެއްޓާ ގުޅޭ އެހެން ކަންކަމަށް އިންވެސްޓުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ކްލައިމެޓް އެޑަޕްޓޭޝަން މަޝްރޫއުތަކަށް އިންވެސްޓުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.