ޚަބަރު

ދިގުރަށު ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނީ ލަންކާ އަންހެނަކު ވިހޭ ކުއްޖެއް

އދ. ދިގުރަށު ކުނިގޮނޑަށް އެއްލާލާފައި އޮއްވައި މިއަދު ފެނުނު ކުއްޖާއަކީ އެ ރަށުގައި މަސައްކަތް ކުރާ ސްރީ ލަންކާގެ އަންހެނަކު ވިހާފައި އެއްލާލާފައި އޮތް ކުއްޖެއްކަން "ވަން" އަށް އެނގިއްޖެއެވެ.

ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ދިގުރަށު ކައުންސިލްގެ ކުނިގޮނޑުން ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހެޅީ މިއަދު ހެނދު 09:20 އެހާކަންހާއިރެވެ. ފުލުހުން ބުނި ގޮތުގައި، ކުއްޖާ ފެނުނުއިރުވެސް އޮތީ މަރުވެފައެވެ.

އިތުބާރު ހުރި މަސްދަރަކުން 'ވަން'އަށް އެނގިފައިވާ ގޮތުގައި، ކުއްޖާ ވިހާފައި ކަމަށް ބެލެވެނީ ރޭގެ ވަގުތެއްގައެވެ. އަދި ކުއްޖާ ފެނުނީ ކުނިކޮތަޅުތައް ކަނޑައި ކުނިތައް ވަކިކުރުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި، ކުނިކޮށީގައި ހަރަކާތްތެރިވާ މުވައްޒަފުންނަށެވެ.