މިދިޔަ ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫގައި ދެ ގުރޫޕެއްގެ މެދުގައި ހިންގި މާރާމާއީއާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ކޯޓު އަމުރެއްގެ ދަށުން އެމީހުން ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެއީ 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެއްގެ އިތުރުން 23 އަހަރުގެ މީހެކެވެ. އެ އެންމެނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
އެ މާރާމާރީގައި 30 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވެއެވެ. އަދި އޭނާގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށް މައުލުމާތު ލިބެއެވެ.
އެ މާރާމާރީއާ ގުޅިގެން މާލެއިން އިތުރު ފުލުހުން އައްޑޫއަށް ފޮނުވަންވެސް ފުލުހުން ވަނީ ނިންމައިފައެވެ. އެގޮތުން ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިނގައިދިޔަ މާރާމާރީއާއި ރޭ އައްޑޫގައި ހިނގާދިޔަ މާރާމާރީއާ ގުޅިގެން އައްޑޫގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގޮތުން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެކަމާ ގުޅިގެން އައްޑޫގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި މާލެއިން އިތުރު ޓީމުތަކެއް އައްޑުއަށް ފޮނުވަން ނިންމައި، އައްޑޫގެ މާރާމާރީއާ ގުޅުންހުރި ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.