ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުރަލާއި އޫރު މަސް ނައްތާލައިފި އެވެ.
މޯލްޑިވްސް ކަސްޓްމްސް ސާވިސްއިން މިއަދު ބުނީ ކަސްޓަމުގެ ބެލުމުގެ ދަށުގައި ހުރި އެތަކެތި ނައްތާލައިފައިވަނީ ތިލަފުށީގައި ހުރި ކުނި އަންދާ ސަރަހައްދުގައި، މީޑިއާއާއި ކަސްޓަމްސްގެ އޮފިސަރުންގެ ހާޒިރުގައި ކަމަށެވެ.
މިއަދު ނައްތައިލާފައިވަނީ 415.45 ކިލޯ ގްރާމްގެ އޫރުމަހާއި 36 ފުޅި ބަނގުރަލެވެ.
މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި އަމަލުކުރާނެ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކުރެވިފައިވެއެވެ.