އަދަބު ލުއިކޮށްދިނުމަށް ރައީސުލްޖުމްހީރިއްޔާއަށް ލިބިވަޑައިގަންނަވާ ގާނޫނީ ބާރުގެ ދަށުން، އަޚުލާގު ރަނގަޅު ކަމަށް ފާހަގަކުރެވޭ 200 ގައިދީއެއްގެ އަދަބު ރައީސް ސޯލިހު ލުއިކޮށްދެއްވައިފި އެވެ.
"ވަން އޮންލައިން" އަށް މައުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހީމް ހޫދު މިއަދު ވިދާޅުވީ 200 ގައިދީންގެ އަދަބު ރައީސް ލުއިކޮށްދެއްވީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށެވެ.
ހޫދު ވިދާޅުވި ގޮތުގައި، އެ 200 ގައިދީންގެ ތެރެއިން ބައެއް މީހުން މުޅީން މިނިވަން ވާނެ އެވެ. އަދި ބައެއް މީހުން ގޭބަންދަށް ބަދަލުވާ އިރު ޖަލު މުއްދަތު ލުއިވާ ބަޔަކު ވެސް އެ މީހުންގެ ތެރޭގައި ހިމެނޭނެ އެވެ.
"އެކި މީހުންނަށް އެކި ވަރުގެ ލުއި ލިބިގެން ދާނެ. އެއްކޮށް މިނިވަން ވާ މީހުންނާއި ގޭ ބަންދަށް ބަދަލުވާ މީހުން އަދި އަދަބު ލުއި ވިޔަސް ޖަލުގައި ތިބޭނެ މީހުން ވެސް އޭގައި ހިމެނޭނެ." ހޫދު ވިދާޅުވި އެވެ.