މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އެއިރޮނޯޓިކަލް މެސެޖް ހެންޑްލިން ސިސްޓަމް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
އެމްއޭސީއެލުން މިއަދު ބުނީ އެ ސިސްޓަމް ޒަމާނީ ފެންވަަރަށް ތަރައްގީކުރަން ފަށާފައި ވަނީ މިއަހަރުގެ ފުރަތަމަ ކުރީކޮޅު ކަމަށެވެ. އެއިރޮނޯޓިކަލް މެސެޖް ހެންޑްލިން ސިސްޓަމަކީ އިންޓަނޭޝަނަލް އެއާ ނެވިގޭޝަން ހިދުމަތްދޭ ފަރާތްތަކާއި އެއާލައިން އޮޕަރޭޓަރުންނާއި ފްލައިޓް ކުރޫންނާ ދެމެދު ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރި ކަމަށް ބޭނުންވާ މައުލޫމާތު ބަދަލުކުރުމަށް ކުރުމަށް ބޭނުންކުރާ ހާއްސަ ސިސްޓަމެއް ކަމަށެވެ.
އެއިރޮނޯޓިކަލް މެސެޖް ހެންޑްލިން ސިސްޓަމުން މައިގަނޑު ގޮތެއްގައި ފޯރުކޮށްދޭނީ ފްލައިޓް ޕްލޭނާއި ނޯޓޭމާއި މޫސުމާ ބެހޭ މައުލޫމާތު އަދި ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރި ކަމަށް ބޭނުންވާ އެހެނިހެން މައުލޫމާތު ކަމަށް އެމްއޭސީއެލުން ބުންޏެވެ. އަދި އެ ސިސްޓަމް މެދުވެރިކޮށް ދަތުރުތަކަށް ބޭނުންވާ މައުލޫމާތާއި މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު ޕައިލެޓުންނަށް ފޯރުކޮށްދޭނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ވީއައިއޭގައި މިހާރު މެނުއަލްކޮށް ކުރަމުން އައި މަސައްކަތްތައް އެ ސިސްޓަމުގެ ސަބަބުން އޮޓަމޭޓުވެ، އިންޓަނެޓް މެދުވެރިކޮށް އެއާލައިންތަކުން ފޮނުވާ ފްލައިޓް ޕްލޭން އެޕްރޫވްކޮށް ފައިލް ކުރުމުގެ މަސައްކަތް ފަސޭހަކަމާ އެކު ކުރެވެން ހުންނާނެ ކަމަށްވެސް ބުންޏެވެ.
އެމްއޭސީއެލުން ބުނީ އެއިރޮނޯޓިކަލް މެސެޖް ހެންޑްލިން ސިސްޓަމަކީ ދުނިޔޭގެ އެކި ގައުމުތަކަށް އޭވިއޭޝަން ސިސްޓަމްސް އަދި ސޮފްޓްވެއާގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ އިޓަލީގެ ކުންފުންޏެއް ކަމައްވާ އައިޑީއެސް އެއާނެވާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ. އެކަމަށް 500،000 ޑޮލަރު (7.7 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ބުންޏެވެ.
އިޓަލީގެ އެ ކުންފުނިން ވަނީ ވީއައިއޭގައި އެ ސިސްޓަމް ގާއިމުކުރުމުގެ އިތުރުން އެއިރޮނޯޓިކަލް އިންފޮމޭޝަން ސިސްޓަމެޓިކްކޮށް މެނޭޖުކުރަން ބޭނުންވާނެ ޕްލޭނެއް ރާވައި އެކުލަވާލުމަށް އެހީތެރިވެދީފައެވެ. އަދި އެ ސިސްޓަމް ބޭނުންކުރާނެ ގޮތުގެ ހާއްސަ ތަމްރީނެއް މުވައްޒަފުންނަށް ފޯރުކޮށްދީފައިވެއެވެ.