އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ފެން ވިއްކުން މަނާވާ މުއްދަތު ފަސްކޮށް، ޕްލާޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީވެސް މަނާކުރުމަށް ނިންމައިފިއެވެ.
އެންވަޔަަރަމަންޓް މިނިސްޓްރީން ކުރިން ބުނި ގޮތުގައި މި ފެށޭ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއް ލީޓަރަށް ވުރެ ކުދި ފްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އުފެއްދުމާއި ރާއްޖެ އެތެރެކުރުން މަނާ ވާނެއެވެ. އަދި އަންނަ މާޗް މަހުން ފެށިގެން އެ ފެން ބާޒާރަށް ނެރުން ވެސް މަނާވާނެ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ވަނީ، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، އަންނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އެތެރެކުރުމާއި އުފެއްދުން މަނާކުރައްވައިފައެވެ. އަދި އަންނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އެ ތަކެތި ބާޒާރަށް ނެރޭ ގޮތަށް މުއްދަތު ފަސްކުރައްވައިފައެވެ.
ރައީސް މުއިއްޒުގެ ގަރާރުގައި ވަނީ ޕްލާސްޓިކްގެ އެހެން ބާވަތްތައް އުފެއްދުމާއި އެތެރެކުރުން މަނާކުރާނެ ތާރީހުތައް ވެސް ހިމަނުއްވައިފައެވެ. އޭގެ ތެރޭގައި 14 ބާވަތެއް ހިމަނުއްވާފައިވާ އިރު، އަލަށް އިތުރުކުރެވިފައިވަނީ ޕްލާސްޓިކް ޕެކެޓު ފިޔަވައި އެހެނިހެން ޕްލާޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީއެވެ. ޕްލާޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީ އެތެރެކުރުމާއި އުފެއްދުން މަނާކުރުމަށް ނިންމާފައިވަނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އަދި އެތަކެތި އަންނަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ވަނީ ނިންމައިފައެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން، ރާއްޖެއަށް އެތެރެކުރުމަށާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް ޔޫޒް ޕްލާސްޓިކް ބާވަތްތައް މަނާކުރުމަށް ފުރަތަމަ ނިންމަވާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.