ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އާ ގުޅިވަޑައިގަންނަވައިފިއެވެ.
ނިހާނުވަރަށް ފަހަކުން ވަނީ ޕީޕީއެމްގެ ޕީޖީ ގްރޫޕު ލިޑަރުކަމުން އިސްތިއުފާ ދެއްވައި، ޕީޕީއެމްގެ ލީޑަރޝިޕަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ.
ނިހާނު މިއަދު ޕީއެންސީއާ ގުޅިވަޑައިގެންނެވިކަން ހާމަކުރައްވައި، ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ޕީއެންސީގެ ވަގުތީ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ނިހާނު ކޮންގެރެސް ޕާޓީއާ ގުޅިވަޑައިގަތުމަކީ އެޕާޓީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ނިހާނުއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށާއި ތަހުނިޔާ އަރިސްކުރާ ކަމަށް ވިދާޅުވެފައި ވެއެވެ.
ވޭތުވެދިޔަ އިންތިހާބުތަކުގައި ޕީޕީއެމްއަށް ނާކާމިޔާބު ވުމާ ގުޅިގެން އެ ޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި ބައެއް ބޭފުޅުން ޕީއެންސީއާ ގުޅިވަޑައިގަންނަވަމުން ގެންދަވާއިރު، ޕީޕީއެމްގެ ލީޑަރޝިޕަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ.
އެގޮތުން އެ ޕާޓީގެ ނައިބު ރައީސްކަމަށް ތިން ބޭފުޅަކު ރޭ ވަނީ އައްޔަން ކޮށްފައެވެ.
ރޭ އެ ޕާޓީގެ ނައިބު ރައީސް ކަމަށް އައްޔަން ކުރައްވާފައިވަނީ، ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާ އަށް ހޮވިވަޑައިގެންނެވި، ޣައްސާން މައުމޫނާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެވެ.