ހދ. ކުޅުދުއްފުށީގައި ސަރުކާރުން ތަރައްގީކުރި އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.
މިއަދު ކުޅުދުއްފުށީ އެއާޕޯޓުގައި ޓެސްޓް ފްލައިޓް ޖެއްސި އިރު، އެ ފްލައިޓުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަޑައިގެންނެވިއެވެ.
ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ މިދިޔަ އާދީއްތަ ދުވަހު ނިންމާފައިވީ ނަމަވެސް، އެއާޕޯޓުގެ އެހެނިހެން މަސައްކަތްތައް އަދި މުޅިން ނުނިމެއެވެ. އެ އެއާޕޯޓުގެ މަސައްކަތްތައް ކުރަމުންދާ އެމްޓީސީސީން ބުނާގޮތުގައި ހުރިހާ މަސައްކަތެއް ވެސް ދާދި އަވަހަށް ނިމިގެންދާނެއެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މެނިފެސްޓޯގައި ހިމެނޭ ކުޅުދުއްފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެ މަސައްކަތް އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ 53.4 މިލިއަން ރުފިޔާއަށެވެ. އޭގެ އިތުރުން ރަންވޭ އެޅުމަށް 50.9 މިލިއަން ރުފިޔާއަށް ހަމަ އެ ކުންފުންޏާ ހަވާލުކުރިއެވެ.
ކުޅުދުއްފުށީގެ އިތުރުން ށ. ފުނަދޫގައި ވެސް ދަނީ އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެ ރަށުގައި އަޅާ އެއާޕޯޓުގެ މަސައްކަތް ވެސް ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާއެވެ. އެ އެއާޕޯޓުގެ މަސައްކަތްތަކުގެ ތެރެއިން ރަންވޭގެ މަސައްކަތް ދާދި އަވަހަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.