ޚަބަރު

މާލެ ސަރަހައްދުން ކަރަންޓު ކެނޑުން މަދުކުރުމަށް މަޝްރޫއެއް ފަށަނީ

މާލެ ސަރަހައްދުގައި ކަރަންޓް ކެނޑުން މަދުކުރުމަށްޓަކައި "ސިކްސްތް ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓު"ގެ ނަމުގައި މަޝްރޫއުއެއް ހިންގަން ނިންމައިފިއެވެ.

މާލެއާއި ހުޅުމާލޭގެ ޕަވާ ޖެނެރޭޝަންގެ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމެވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.

ސްޓެލްކޯ އިން "އެކްސް"ގައި ކުރި ޕޯސްޓެއްގައިި ބުނީ، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 100 ދުވަސް ތެރޭގައި ފައްޓަވާނެ ކަމަށް އެމްޑީ ފަހުމީ ވިދާޅުވި ކަމަށެވެ.

މި ބައްދަލުވުމުގައި ފަހުމީ ވަނީ ސްޓެލްކޯ ހިންގުމުގައި މުވައްޒަފުންގެ ދައުރު ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވައިފައެވެ. އަދި ސްޓެލްކޯ ހިންގުމުގައި ޓެކްނިކަލް މުވައްޒަފުންގެ ލަފަޔާއި އިރުޝާދު އަބަދުވެސް ހޯއްދަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މާލެ ސަރަހައްދުން އެންމެ ގިނައިން ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިމާވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުންނެވެ.