އަވަށްޓެރި ސްރީލަންކާއަށް މިއަދު ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ސްރީލަންކާ ސަރުކާރަށް އެއްބާރުލުން ދެއްވައި، ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންގެ ހާލު ބައްލަވައިލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަހުމަދު ހަލީލް ސްރީލަންކާއަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މިދަތުރުފުޅުގައި އަހުމަދު ހަލީލް ސްރީލަންކާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ސްރީލަންކާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން، ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންގެ ހާލު ބައްލަވައި ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާނެއެވެ.
ސްރީލަންކާގައި ދިން މި ޓެރަރިސްޓު ހަމަލާގައި އެތައް ބަޔަކު މަރުވެ ގިނަ ބަޔަކު ޒަހަމްވެފައި ވެއެވެ.
މި ހަމަލާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ ސްރީލަންކާ ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވާފައެވެ.