ނަފުސާނީ ބައްޔެއް ހުރެގެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މީހާގެ ދައުވާތައް ދަށު ކޯޓުން ބާތިލުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
2016 ނޮވެމްބަރު ތިންވަނަ ދުވަހު ހިނގި ހާދިސާއަކާ ގުޅިގެން ދައުލަތުން ވަނީ އަލީ ޝިފާއުގެ މައްޗަށް ކުޑަކުއްޖެއްގ3 ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ކުށުގެ ދައުވާއާއި، ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ނިޔަތުގައ،ި އެ ކުއްޖާ ހުންނަ ގެއަށް ނުވަތަ އެ ކުއްޖާ އެވަގުތަކު ހުރި ތަނަކަށް މީހަކު ވަނުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.
ޝިފާއުގެ މައްޗައް ކުރި އެ ދައުވާތައް ދަށު ކޯޓުން ވަނީ ބަލައިނުގަނެވޭނެ ކަމަށް ހުކުމްކޮށްފައެވެ. ދަށު ކޯޓުން އެގޮތަށް ހުކުމްކުރީ އަލީ ޝިފާއުއަކީ ބަލިހާލަތުގެ ގޮތުން "އިންޓެލެކްޗުއަލް ޑިސްއެބިލިޓީ ވިތް ބިހޭވިއަރަލް ޕްރޮބްލަމްސް" ނަމަކަށްކިޔާ ބައްޔެއް ހުންނަ ފަރާތަކަށް ވުމުންނާއި، ދައުލަތުން އަލީ ޝިފާއުގެ މައްޗަށް ކުރި ދެ ދައުވާ ލިބިގަތުމަށާއި އެ ދައުވާތަކުގެ ހުކުމް ބަލައިގަތުމުގެ ހާލަތު އަލީ ޝިފާއުގެ ސިކުނޑީގައި ނެތުމުންނެވެ.
ދައުލަތުން ވަނީ ދަށު ކޯޓުގެ އެ ހުކުމް 2019 އޮގަސްޓު 21 ވަނަ ދުވަހު ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އިސްތިއުނާފު އަޑުއެހުމުގައި ދައުލަތުން ވިދާޅުވެފައިވަނީ ދައުވާ ލިބޭ ފަރާތުން ދައުވާ ލިބިގަތުމަށާއ،ި ކުރެވޭ ހުކުމް ބަލައިގަތުމަށް ނުކުޅެދިގެންވުމުގެ ދިފާއުގެ ދަށުން ދިފާއެއް ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ހުށަހަޅައިފިނަމަ ކޯޓުގެ އަމިއްލަ އިހުތިޔާރުގައި ނުވަތަ ދައުލަތުގެ އެދުމުގެމަތިން އޭނާއަކީ ސިއްހީ ގޮތުން އެ ދައުވާ ބަލައިގަނެވޭނެ މީހެއްކަން ކަށަވަރުކުރުމަށްޓަކައި ކޯޓުން ކަނޑައަޅާ ތަނަކުން މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށް ދައުވާ ލިބޭ ފަރާތަށް ކޯޓުން އަމުރުކުރަންވާނެ ކަމަށެވެ.
އަލީ ޝިފާއުއަކީ ދައުވާ ލިބިގަތުމަށާއ،ި ކުރެވޭ ހުކުމް ބަލައިގަތުމަށް ނުކުޅެދިގެންވާ ފަރާތެއްކަން ކަށަވަރުކުރެވިފައި ނުވާ ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ. މި މައްސަލައިގައި ދަށު ކޯޓަށް ހާޒިރުކުރި އެކްސްޕާޓް ނިންމަން ޖެހޭ ނިންމުންތައް ނިންމޭނީ ސައިކޮލޮޖިކަލް އެސެސްމަންޓެއް ތައްޔާރުކޮށްގެން ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ. ނަމަވެސް ދަށު ކޯޓުން މައްސަލައިގައި ގޮތެއް ނިންމީ އެ ރިޕޯޓުތައް ނެތި ކަމަށެވެ.
ދައުވާ ރައްދުވާ އަލީ ޝިފާއުގެ ވަކީލު އިބްރާހީމް ރަމީޒް ވިދާޅުވެފައިވަނީ ދަށު ކޯޓުން އަލީ ޝިފާއުގެ މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށް އަމުރުކުރުމުން އައިޖީއެމްއެޗުން އެގްޒެމިނޭޝަނެއް ހަދައިފައިވާނެ ކަމަށެވެ. އެ އެގްޒެމިނޭޝަންގެ ރިޕޯޓުން އަލީ ޝިފާއުގެ ބަލިހާލަތު އެނގޭ ކަމަށާއ،ި ދަށު ކޯޓަށް އެކްސްޕާޓް ހެކިބަސް ނަގައިފައިވާނެ ކަމަށާއި އެހެންކަމުން އިތުރު އެކްސްޕާޓެއް ގެނަޔަސް އަލީ ޝިފާއުގެ ބަލި ހާލަތަށް ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އެ މައްސަލައިގެ ރައުޔު އިއްވަމުން ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ވިދާޅުވެފައިވަނީ އައިޖީއެމްއެޗުން ހެދި އަލީ ޝިފާއުގެ މެޑިކަލް އެގްޒަމިނޭޝަނާ ގުޅިގެން ތައްޔާރުކޮށްފައިވާ ދެ ރިޕޯޓަކަށް ދަށު ކޯޓުގައި ވަނީ އެކްސްޕާޓެއްގެ ހެކި ބަސް ނަގައިފައިކަން ހުށަހަޅާފައިވާ ލިޔުންތަކުން ސާފުވާ ކަމަށެވެ. އަދި އެ އެކްސްޕާޓާ ސުވާލުކުރުމުގެ ފުރުސަތު ދެ ފަރާތަށް ވެސް ލިބުނު ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެހެންކަމުން އެކްސްޕާޓާ ސުވާލުކުރުމުގެ ފުރުސަތު ނުލިބޭ ކަމަށް ދައުލަތުން ފާހަގަކުރި ކަންކަން ރަނގަޅު ނޫން ކަމަށް ވިދާޅުވެފައިވެއެވެ.
އަލީ ޝިފާއުގެ މެޑިކަލް ރިޕޯޓުތަކުން އަލީ ޝިފާއުއަކީ ދާއިމީކޮށް "އިންޓެލެކްޗުއަލް ޑިސްއެބިލިޓީ ވިތް ބިހޭވިއަރަލް ޕްރޮބްލަމްސް" ބަލި ހުންނަ މީހެއްކަން އެނގޭ ކަމަށާއި އެކަމުގެ ސަބަބުން އޭނާއަށް ދާއިމަށް ފަރުވާ ބޭނުންވާ ކަމަށެވެ. ދަށު ކޯޓުގެ ނިންމުން ބިނާވެފައިވަނީ ފަނޑިޔާރުގެ އަމިއްލަ ވިސްނުމުގެ މައްޗަށް ނޫންކަމާއ،ި އެކްސްޕާޓެއްގެ އެގްޒެމިނޭޝަނެއް ހަދައި ދީފައިވާ ހެކިބަހާއި ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށްގެންކަން ސާފުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެ ހުރިހާ ކަމެއް އެގޮތަށް ހުރުމުން ފަނޑިޔާރު ޝަނީޒް މައްސަލަ ނިންމަން އެދިވަޑައިގަތީ ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ. އެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ތާއީދުކުރެއްވުމުން، އިއްތިފާގުން ކުރި ހުކުމުގައި ބުނީ "ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން އަލީ ޝިފާއުގެ މައްޗަށް ކުރި ދެ ދައުވާ ލިބިގަތުމަށާއި އެ ދައުވާތަކުގެ ހުކުމް ބަލައިގަތުމުގެ ހާލަތު އަލީ ޝިފާއުގެ ސިކުޑީގައި ނެތުމުންކަމަށް ދަށު ކޯޓުން ކުރި ހުކުމް ބާތިލުކުރަން ޖެހޭނެ ސަބަބެއް ނެތް ކަމަށެވެ.
މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދު، ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ (ރިޔާސަތު) އަދި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.