ޚަބަރު

އާޒިމްގެ މައްޗަށް ކޮށްފައިވާ ވައްކަމުގެ ތުހުމަތުތައް ބަލައިދިނުމަށް އޭސީސީގައި އެދިއްޖެ

ފާތިމަތު ލިޔުޝާ

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އިސްވެ ހުންނަވައިގެން މާކެޓް ރޭޓަށް ވުރެ ޓަނަކުން 11 ޑޮލަރު ބޮޑުކޮށް އެ ކުންފުންޏަށް ބޮޑުހިލަ ޝިޕްމަންޓެއް ގަންނަން އުޅޭ ކަމަށް ބުނެ ނޫހަކުން ޖެހި ހަބަރުގެ މައްސަލަ ބަލައިދޭން އެމްޓީސީސީން އޭސީސީގައި އެދިއްޖެއެވެ.

އާޒިމާއި އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު ރަމްޒީ އަބޫބަކުރު ގުޅިގެން އެ ވައްކަން ކުރި ކަމަށް ތުހުމަތުކޮށް ހަބަރު ފެތުރީ ދިޔަރެސް ނޫހުންނެވެ.

އެ ހަބަރާ ގުޅިގެން އެމްޓީސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިޔަރެސް ނޫހުގައި ޖަހާފައިވާ އެ ހަބަރަކީ ރައްޔިތުންގެ ހިތުގައި އެ ކުންފުންޏާއި އެ ކުންފުނީގެ އިސްވެރިންނަށް ލިބިފައިވާ އިތުބާރާއ، ލޯބި ފަނޑުކޮށްލުމަށް ގަސްތުގައި ކޮށްފައިވާ ނާތަހުޒީބީ އަމަލެއް ކަމަށެވެ. އަދި އެ ކުންފުންޏަކީ މިހާތަނަށްވެސް ރައްޔިތުންގެ އާންމު ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށްޓަކައި މަސައްކަތް ކުރަމުންދިޔަ އަދި މިހާރުވެސް މަސައްކަތްކުރާ ކުންފުންޏެއް ކަމަށް ބުންޏެވެ.

އެމްޓީސީސީން ބުނީ، އެ ކުންފުނީގެ ވެރިންގެ ބޮލުގައި އެފަދަ ބޮޑެތި ތުހުމަތު އެއްވެސް ހެއްކެއް ނެތި އަޅުވައި، ދިޔަރެސް ނޫހުން އަބުރު ކަތިލުމުގެ ނުބައި ރޫހެއް ގެންގުޅޭ ކަމަށެވެ. އަދި ދެފުށް ފެންނަ މިނިވަން ނޫސްވެރިކަމެއް ރާއްޖޭގައި ކުރިއަށްދާ ޒަމާނެއްގައ،ި ހަގީގަތް އޮޅުވާލުމަށް ދިޔަރެސް ނޫހުގައި އެކި ފަހަރުމަތިން އެ ކުންފުންޏާއި ކުންފުނީގެ ވެރިން ބަދުނާމުވާ ގޮތަށް ދޮގު ހަބަރު ފަތުރަމުން ދިއުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށްވެސް ބުނެފައިވެއެވެ.