ލަންކާގެ ބޮމުގެ ހަމަލާތަކާ ގުޅިގެން ހަތްމީހަކު ހައްޔަރުކޮށްފިއެވެ.
މިހަމަލާއާ ގުޅުންހުރި ހަތްމީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވިދާޅުވެފައިވަނީ ލަންކާގެ ސްޓޭޓް މިނިސްޓާ އޮފް ޑިފެންސް ރުވާން ވިޖޭވަރުދަނާ ދެއްވި ނިއުސް ކޮންފަރެންސެއްގައެވެ.
މިނިސްޓާ އޮފް މާސް މީޑީއާގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ވިޖޭވަރުދަނާ ވިދާޅުވީ، މި ހަމަލާދިން މީހުން ހޯއްދަވާނެ ކަމަށާއި، ހަރުކަށި ވިސްނުމާ ދެކޮޅު ގްރޫޕްތަކާދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ނަމަވެސް ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރީ ކޮން ބައެއްކަމެއް އޭނާ ވިދާޅެއްނުވެއެވެ.
ރުވާން ވިޖޭވަރުދަނާ ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ މިއަދުގެ ހަމަލާތަކަކީ ޖާނުންފިދާ ވެގެންދީފައިވާ ހަމަލާތަކެއް ކަމަށެވެ.
ލަންކާގެ އެކި ހިސާބުތަކުގައި މިއަދު ދިން ބޮން ގޮއްވުމުގެ ހަމަލާތަކުގައި މިހާތަނަށް 190 މީހުން މަރުވެފައިވާކަމަށް ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި 300 އަށްވުރެ ގިނަމީހުން ވަނީ ޒަހަމްވެފައެވެ.
މީގެ ތެރޭގައި ބޭރުގައުމުތަކުގެ މީހުންވެސް ހިމެނެއެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއްކަމެއް އަދި ހާމަކޮށްފައެއްނުވެއެވެ.
މިއަދުގެ ހަމަލާތަކާ ގުޅިގެން ވަކި މުއްދަތެއްް ނެތް ގޮތަށް ލަންކާގައި ވަނީ ކާފިއު އިއުލާން ކޮށްފައެވެ.
މިހާތަނަށް އަށް ސަރަހައްދެއްގައި ބޮމުުގެ ހަމަލާތައް ދީފައިވާއިރު، އެކަމުގެ ޒިންމާ އެއްވެސް ފަރާތަކުން ނަގައިފައެއް ނުވެއެވެ.