ޚަބަރު

ޑިސެމްބަރު ހަތަކަށް މަޖިލީހުގެ ތިންވަނަ ދައުރު ދަންމާލަން ފާސްކޮށްފި

އިބްރާހިމް ޒަކީ

މިހިނގާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު އަންނަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހަށް ދައްމާލަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ދައުރު ދައްމާލަން ހުށަހަޅުއްވަމުން މަޖިލިސް ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އަންނަ 2024 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާއެކު މުހިއްމު މަސައްކަތްތަކެއް މަޖިލީހުގައި ކުރަން އެބައޮތް ކަމަށެވެ.

އެހެންކަމުން ޑިސެމްބަރު ހަތަކަށް ދައުރު ދައްމާލަން ހުށަހަޅައި، މިއަދު އެއަށް ވޯޓަށް އައްސަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވޯޓުގަޑީގައި ދައުރު ދައްމާލުމަށް ވޯޓަށް އެއްސެވުމުން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ ދައުރު ދައްމާލުމަށް ފާސްކުރީ އެވަގުތު ޖަލްސާގައި ތިއްބެވި 63 މެންބަރުންގެ ތެރެއިން 51 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނަމަވެސް ދައުރު ދައްމާލުމަށް ނުފެންނަ ކަމަށް އެއް މެމްބަރު ވޯޓު ދެއްވިއެވެ.

މަޖިލީހުގައި މިހާރު އޮތް މަަސައްކަތްތަކުގެ ތެރެއިން އެންމެ މުހިއްމު މަސައްކަތަކީ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމެވެ.

މަޖިލީހަށް ބަޖެޓް ހުށަހަޅާފައި އޮތް ނަމަވެސް އެ މަސައްކަތް ކޮމިޓީ މަރުހަލާގައި މިވަގުތު އޮތީ މަޑު ޖެހިފައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު، އިތުރު މިނިސްޓްރީތައް ހިމެނޭ ގޮތުން ސަރުކާރަށް އިތުރުވާ ވުޒާރާތަކަށް ބަޖެޓް އެޖެސްޓްކޮށް، އެކަމާބެހޭ ހުށަހެޅުންތައް މިއަދުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ތީއެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަޖެޓްބަހުސް ކުރިއަށް ގެންގޮސް އިއްޔެ ވަނީ ނިންމާލައިފައެވެ.

ބަޖެޓަށް ވާހަކަ ދައްކަވަން ބޭނުން ފުޅުވާ ކޮންމެ މެންބަރަކަށް 15 މިނެޓްގެ ފުރުސަތެއް ދީގެން ކުރިއަށް ގެންދިޔަ މި ބަހުސްގައި 51 މެންބަރުން ބަޖެޓަށް ވާހަކަ ދައްކާފައިވެއެވެ.

ދެން އޮންނީ ބަޖެޓް ކޮމިޓީން، ބަޖެޓް ދިރާސާ ކުރުމަށްފަހު ކޮމިޓީގެ ރިޕޯޓު މަޖިލިސް ތަޅުމަށް ހުށަހަޅައި ރިޕޯޓަށް ބަހުސް ކުރުމަށްފަހު ފާސްކުރުމެވެ.