އިބްރާހިމް ޒަކީ
އާ ކޮމިޓީއެއްގެ ގޮތުގައި އިންފޮމޭޝަން އެންޑް ކޮމިއުކޭޝަން ޓެކްނޮލިޖީ ކޮމިޓީ އުފައްދައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލުތަކެއް ގެންނަން މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް އިސްލާހުތަކެއް ހުށަހަޅަން ނިންމެވީ، އަންނަ އަހަރު އިންތިހާބު ކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފަށައިގަންނަ އިރު، ދައުރެއްގެ މެދުތެރެއަށް ދިމާނުވެ ދައުރަކާ އެކު ފެށޭނެ ގޮތް ހެއްދެވުމަށް ކަމަށެވެ.
"2024 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހަކީ މިހާރު މިހިނގާ 19 ވަނަ މަޖިލީހުގެ އެންމެ ފަހު ދުވަސް އަދި 28 މެއިގައި އާ ރައްޔިތުންގެ މަޖިލިސް، 20 ވަނަ މަޖިލިސް ހުވައި ކުރެވިގެންދާނެ، މިހާރު ގަވައިދު އޮތް ގޮތުން ފުރަތަމަ ދައުރު ނުނިމެނީސް ދައުރުގެ މެދު ތެރެއަށް އާ މަޖިލީހެއް އުފަންވެގެންދާތީ އެކަމަށް ހައްލެއް ގެނައުމަށް ގަވާއިދު އިސްލާހު ކުރަނީ،"
އަސްލަމް ވިދާޅުވީ ދައުރެއްގެ މެދު ތެރެއިން އާ މަޖިލީހުގެ މަސައްކަތްތައް ފަށައިފިނަމަ، ހިނގަމުންދާ މަސައްކަތަކަށް ދަތިތަކެއްވެސް އޮޅުންތަކެއް އެރުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން މި ބަދަލާއެކު ދައުރުފަށަން ދެން އަންނަ ރައްޔިތުންގެ މަޖިލީހަކަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް އޭނަ ވިދާޅުވިއެވެ.
މަޖިލިސް ގަވާއިދުގައި މިހާރު އޮންނަނީ މަޖިލީހުގެ ފުރަތަމަ ދައުރަކީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކަމަށެވެ. ދެވަނަ ދައުރަކީ މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކަމަށެވެ. އަދި ތިން ވަނަ ދައުރަކީ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ.
އަސްލަމް ހުށަހަޅުއްވާފައި ވަނީ، މަޖިލީހުގެ ދެވަނަ ދައުރު ޖޫން މަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށް ބަދަލު ކުރުމަށާއި ތިންވަނަ ދައުރު އޮކްޓޫބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ ގޮތަށް ބަދަލު ކުރުމަށެވެ.
މީގެ އިތުރުން މަޖިލީހަށް ހުށަހަޅާ ބިލްތަކުގެ ފުރަތަމަ ކިއުން އިއްވުމަށްފަހު، އިބްތިދާއީ ބަހުސް ކުރަން އޮންނަ މުއްދަތު ކުޑަ ކުރަންވެސް ގަވާއިދަށް އިސްލާހު ހުށަހަޅާފައިވެއެވެ.
މަޖިލިސް ގަވާއިދުގެ 89 ވަނަ މާއްދާގައި މިހާރު ބުނަނީ މަޖިލީހަށް ހުށަހެޅޭ ކޮންމެ ބިލެއްގެ ވެސް ފުރަތަމަ ކިއުން އިއްވައި ބިލު ތައާރަފު ކުރުމަށްފަހު މަޖިލިސް ތަޅުމުގައި ބިލުގެ އިބްތިދާއީ ބަހުސް ފަށަން ވާނީ، ހަތް ދުވަހުގެ ނޯޓިސް އެއް ދިނުމަށް ފަހުގައި ކަމަށެވެ. ނަމަވެސް އެ މުއްދަތު ތިން ދުވަހުގެ މުއްދަތަށް ކުޑަ ކުރުމަށް އަސްލަމް ވަނީ ހުށަހަޅުއްވައިފައެވެ. އަދި އާ ކޮމިޓީއެއްގެ ގޮތުގައި އިންފޮމޭޝަން އެންޑް ކޮމިއުކޭޝަން ޓެކްނޮލިޖީ ކޮމިޓީ އުފައްދަންވެސް ވަނީ ހުށަހަޅުއްވައިފައެވެ.