ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 85 ޕަސެންޓް ނިމިއްޖެއެވެ.
މި މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން އިއްޔެ ބުނީ ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޕްރޮފައިލް ކުރުމުގެ މަސައްކަތުގެ 10 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 24,343 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 14,412 މިހާރު ހުރި ހާބަރު ބޭސިން ފުންކުރުމާއި 6000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 414 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމަށް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި ރޭމްޕެއް ހެދުމާއި 2291 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
60.70 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2019 ޑިސެމްބަރު 10 ވަނަ ދުވަހުއެވެ.