ޚަބަރު

ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ދެހިވެލަ ޒޫ ސަރަހައްދުގައި އެއްޗެއް ގޮއްވާލައިފި

ލަންކާގައި ދިވެހިން ގިނަ އަދަދަކަށް ދިރިއުޅެމުންގެންދާ ދެހިވެލަ ޒޫ ސަރަހައްދުގައި ބޮމެއް ގޮއްވާލައިފިއެވެ.

އާއިލާއާއެކު އެ ސަރަހައްދުގައި ދިރިއުޅެމުންގެންދާ އަލީ ޝިމްރީ "ވަން އޮންލައިން" އަށް މައުލޫމާތު ދެމުން ބުނީ އެ ހިސާބުގައި އެއްްޗެއް ގޮއްވާލާފައިވާ ކަމަށާއި ގަދަ އަޑުފައްގަނޑެއް އިވުނު ކަމަށެވެ.

އޭނާ ވިދާޅުވީ އެއީ ވެހިކަލުގައި އެގެއިިން ފަސްވަރަކަށް މިނިޓުން ދެވޭ ހިސާބެއް ކަމަށެވެ.

ކޮލަމްބޯގެ ކަލުބޮވިލަ ހޮސްޕިޓަލުގެ ޑިރެކްޓަރ ވަނީ ނިއުސް ފަސްޓް އޮންލަައިން ނޫހަށް ވިދާޅުވެފައިވަނީ، ދެހިވެލަ ޒޫ ސަރަހައްދުގައި ދިން ބޮމުގެ ހަމަލާގައި ޒަހަމްވި މީހުންގެ ތެރެއިން، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ދެމީހަކު މަރުވެފައިވާ ކަމަށެވެ.

ދެހިވަލާ ސަރަހައްދުގެ އިތުރުން މިހާތަނަށް ސްރީލަންކާގައި އިތުރު 8 ތަނެއްގައި ވަނީ ބޮމުގެ ހަމަލާތަކެއް ދީފައެެވެ. މިތަނުން އެއްވެސް ހާދިސާއެއްގައި އެއްވެސް ދިވެއްސަކަށް އަނިޔާވި ކަމުގެ ހަބަރެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ފޮރިން މިނިސްޓްރީންނާއި ލާންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފައިވަނީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ މައުލޫމާތު އޮޅުން ފިލުވަމުންދާ ކަމަށާއި، އެއްވެސް ދިވެއްސަކަށް ގެއްލުން ވެފައިވާ ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.