ތިލަމާލެ ބްރިޖްގެ މަސައްކަތް ނިމޭނީ 2026 ވަނަ އަހަރަށް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ބްރިޖުގެ މަސައްކަތް ފުރަތަމަ ފެށިގެން ދިޔައީ ޕްލޭނާ އެއްގޮތަށް ކަމަށް ފާހަގަ ކުރެވޭ ކަމަށެވެ. އެހެންކަމުން މަސައްކަތް ނިންމަންޖެހޭ އާ ތާރީހު ކަނޑައަޅައި ސަޕްލިމެންޓަރީ އެގްރީމެންޓެއްގައި ސޮއިކޮށްފައިވާ ކަމަށާއި އެ އެގްރީމެންޓުގައި ސޮއި ކުރީ 16 ނޮވެމްބަރުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ އެގްރީމެންޓުގައި ވާގޮތުން މަސައްކަތް ނިންމަންޖެހޭ އާ ތާރީހަކީ 30 ސެޕްޓެމްބަރު 2026އެވެ. އެގޮތުން ޕްރޮޖެކްޓުގެ ސެކްޝަން އޭ ކަމަށްވާ މާލެ އާއި ވިލިނގިލި ގުޅާލާ ބްރިޖުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވާ ތާރީހަކީ 31 މެއި 2026 ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް 31 ޑިސެމްބަރު 2025 އަށް އެބައި ނިންމުމަށް ކޮންޓްރެކްޓު ނުކޮށް، އަނގަ ބަހުން އެއްވަސްވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މަސައްކަތް ނިންމާ މުއްދަތު އިތުރުވި ނަމަވެސް ޕްރޮޖެކްޓަށް ފައިސާ އިތުރަށް ހަރަދު ނުވާނެ ކަމަށެވެ. އަދި ކުރިން ލަފާކުރި ގޮތާ ހިލާފަށް މަސައްކަތް ކުރިއަށްދާނީ ލަސް ސްޕީޑެއްގައި ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް މަސައްކަތްތައް އަވަސްކުރަން، މިހާރު މި އޮތް ޝެޑިއުލްއިން ކައްސާނުލައި މަސައްކަތް ކުރިއަށް ގެންދިއުން މުހިންމު ކަމަށް ވިދާޅުވިއެވެ.
"އެންމެ ބޯޑު ޗެލެންޖަކަށް އޮތީ ފުން ތަނުގައި ޖަހަންޖެހޭ ތަނބުތަކުގެ މަސައްކަތް. އެ ތަނބުތަކުގެ މަސައްކަތަކަށް މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނެތް،" މިނިސްޓަރު ވިދާޅުވިއެވެ.
ކަނޑުގައި ޖަހާ ތަނބުތަކުގެ މަސައްކަތަށް ބެކަޕް ބާޖެއް މިދިޔަ ހަފުތާ ތެރޭގައި ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއާއެކު ތިން ބެކަޕް ބާޖާއެކު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދަޅުވީ ރާއްޖޭގެ ކަނޑުގެ އޮއެވަރު ހުންނަ ގޮތުން ބްރިޖު އެޅުމަކީ އުނދަގޫ ކަމެއް ކަމަށާއި ބްރިޖުގެ މަސައްކަތް ކުރަމުންދާ ކުންފުންޏަށް އެކަން އަންޑާ އެސްޓިމޭޓް ކުރެވުމަކީ މަސައްކަތް ލަސްވާން ދިމާވި އެއް ސަބަބު ކަމަށް ފެންނަ ކަމަށެވެ.
ނަަމަވެސް މިހާރު އެކަން ދެނެގަނެ، އެކަމުން އަރައިގަތުމަށް އިތުރު ބާޖުތައް ގެނެސްގެން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ކަނޑުގައި ބްރިޖު އެޅުމުގެ ތަޖުރިބާ ހުންނާނީ ދުނިޔޭގެ ވަރަށް މަދު ކުންފުންޏެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.