ޚަބަރު

ދައުލަތުގެ ހަރަދުގައި ހައްޖަށް ފޮނުވާ ފުރަތަމަ ބެޗު އަންނަ އަހަރު ފޮނުވަނީ

އައިޝަތު އަފްޝަން

ދައުލަތުގެ ހަރަދުގައި ހައްޖަށް ފޮނުވާ ފުރަތަމަ ބެޗު އަންނަ ހައްޖުގައި ފޮނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ފަސް އަހަރު ތެރޭގައި 1،000 ފަގީރުން ހިލޭ ހައްޖުގެ އަޅުކަމަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އޭގެ އިތުރުން ހައްޖު ކޯޕަރޭޝަން ހަރުދަނާކޮށް ހައްޖުގެ އަގު ހެޔޮކުރުމަކީވެސް އެ މަނިކުފާނުގެ ވައުދުފުޅެކެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެސްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ މިފަހަރު ފޮނުވާ މީހުންގެ އަދަދު އިއުލާން ކުރައްވާނީ ހައްޖަށް ފޮނުވާ މީހުންގެ ކޯޓާގެ ރަސްމީ އަދަދު ހަމަޖެހުމުން ކަމަށެވެ. އަދި ދައުލަތުގެ ހަރަދުގައި ހައްޖަށް ފޮނުވާ މީހުން ކަނޑައަޅާ އުސޫލު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހައްޖަށް ދާ މީހުންނަށް ދިމާވާ މާލީ ދަތިތައް ހައްލުކޮށް، ރާއްޖޭގެ ހައްޖު ފަންޑު ޒަމާނީ ފެންވަަރަށް ތަރައްގީ ކުރުމަށް ފަންނީ އެހީ ފޯރުކޮށްދިނުމަކީ އިސްލާމިކް މިނިސްޓްރީގެ މި ދައުރުގެ މެންޑޭޓުގައި ހިމެނޭ ކަމެކެވެ. އެ މަސައްކަތުގެ ސަބަބުން ހެޔޮ އަގުގައި ހައްޖާއި އުމްރާއަށް ދެވޭނެ ނިޒާމެއް ގާއިމުވެގެންދާނެ ކަމަށް އެކަމާ ގުޅިގެން އެކްސްގައި މީގެ ކުރިން ކުރި ޕޯސްޓެއްގައި މިނިސްޓްރީން ބުނެފައިވެއެވެ.