ޚަބަރު

ފުލުހުންގެ ހިދުމަތަށް 86 އަހަރު ފުރުމުގެ މުނާސަބަތުގައި ހާއްސަ ޑިނަރ ނައިޓެއް ބާއްވައިފި

ފުލުހުންގެ ހިދުމަތަށް 86 އަހަރު ފުރުމުގެ މުނާސަބަތުގައި ފުލުހުންނާއި ފުލުހުންގެ އާއިލާތައް އެއްތަނަކުން ބައްދަލުކޮށް ހިތްއުފާކޮށްލުމުގެ ގޮތުން ހާއްސަ ޑިނަރ ނައިޓެއް ބާއްވައިފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާރކްގައި ރޭ ބޭއްވި މި ޑިނަރ ނައިޓް ޝަރަފްވެރިކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހްމަދު ދީދީ އެވެ. މި ޑިނަރ ނައިޓްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ ސީނިއަރ އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ ފުލުހުންނާއި ސިވިލް ސްޓާފުންނާއި ފުލުހުންގެ އާއިލާތަކުގެ މެމްބަރުން ބައިވެރިވެފައިވެއެވެ.

ރޭގެ ޑިނަރ ނައިޓްގައިވަނީ ފުލުހުންގެ ހިދުމަތަށް 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ ފަރާތްތަކަށާއި ފުލުހުންގެ ހިދުމަތަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ހަނދާނީ ފިލައާއި ހަނދާނީ ލިޔުން ދެއްވާފައެވެ. މިފަރާތްތަކަށް ހަނދާނީ ލިޔުމާއި ހަނދާނީ ފިލާ ބައްސަވާ ދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހްމަދު ދީދީ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ.

މި ޑިނަރ ނައިޓްގައި މުނިފޫހިފިލުމުގެ ގޮތުން ރާއްޖޭގެ މަޝްހޫރު ބައެއް ލަވަ ކިއުންތެރިންނާއި ހަބޭސް ބޮޑު ބެރު ގްރޫޕުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.