ޚަބަރު

މޭރީގެ މަރު: ލަމްހާ ބަންދުން ދޫކޮށްލައިފި

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ މިއަދު ބަންދުން ދޫކޮށްލައިފިއެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ، އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. ނަމަވެސް މާވިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެކަންޏެވެ.

ޑިސެމްބަރު، 2021 ގައި ހައްޔަރުކުރި ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު ނިންމީ ޝަރުތުތަކާއެކު ތިން މަސް ދުވަހުގެ މުއްދަތަކަށެވެ. ޝަރުތުކުރި ކަންކަމުގެ ތެރޭގައި ރޭގަނޑު 10:00 އިން ހެނދުނު 6:00 އާ ދެމެދު ގެއިން ބޭރުގައި އުޅުން މަނާކޮށް އަދި މާލެއިން ބޭރަށްދާ ނަމަ ކޯޓު ހުއްދަ ހޯދުން ފަދަ ބައެއް ޝަރުތުތަކެއް ހިމެނެއެވެ.

ލަމްހާ ދޫކޮށްލަން ކޯޓުން މިއަދު އަމުރު ކުރިއިރު، އެންމެ ފަހުން އޮތް އަޑުއެހުމުގައި، ޓެގް އެޅުވުމަށް ފަހު ނަމަވެސް ބަންދުން ދޫކޮށް ދިނުމަށް ލަމްހާ ވަނީ އެދިފައެވެ.

ޝަރުތުކޮށްފައި ލަމްހާ ބަންދުން ދޫކޮށްދިނުމަށް މީގެ ކުރިންވެސް އެދިފައިވެއެވެ. ނަމަވެސް ލަމްހާއަކީ މުޖުތަމައަށް ނުރައްކާ އޮތް މީހަކަށްވާތީ މީގެ ކުރިންވެސް އޭނާ ބަންދުން ދޫކޮށްފައެއް ނުވެއެވެ. ދައުލަތުން ކުރީގެ އަޑުއެހުމުގައި ބުނެފައިވަނީ އެ މީހުން ބަންދުކުރި ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި އެހެންވެ ލަމްހާ ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.