ޚަބަރު

ހަރަދުތަކާއި ދަރަނި ބޮޑުވުމާއި ބޭރުގެ ލޮޅުންތަކާއެކު ރާއްޖޭގެ އިގުތިސާދަށް އޮތް ގޮންޖެހުން ބޮޑު: ވޯލްޑް ބޭންކް

އިތުރުވަމުންދާ ހަރަދުތަކާއި ދަރަނި ބޮޑުވުމާއި ބޭރުގެ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް، ވޯލްޑް ބޭންކުން ބުނެފިއެވެ.

މިދިޔަ މަހު އާންމުކުރި، ރާއްޖޭގެ އިގުތިސާދީ އަޕްޑޭޓް 'ބެޓެން ޑައުން ދަ ހެޗަސް' ރިޕޯޓުގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ކުރިއެރުމާ ގުޅިގެން ރާއްޖޭގެ އިގުތިސާދީ ކުރިމަގާ މެދު އުންމީދީ ތަސައްވަރެއް ހުށަހަޅާފައިވީ ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުމާއި މަޝްރޫއުތަކުގެ ހޭދަ އާއި ސަބްސިޑީތަކަށް ސަރުކާރުން ކުރާ ހަރަދު އިތުރުވުމާއި ބަޖެޓް ޑެފިސިޓް ފޫބައްދަން މަރުކަޒީ ބޭންކުން ފައިސާ ނަގަން ޖެހުމުގެ ސަބަބުން މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިވެފައިވާ ކަމަށެވެ.

އެ މައްސަލަތައް ހައްލުކުރުމަށް، މަޝްރޫއުތަކަށް ކުރާ ހޭދަ ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއްގެ ތެރެއިން ކުރުމާއި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެކަނި ދެވޭ ސަބްސިޑީގެ ނިޒާމަކަށް ބަދަލުވުމާއި އާމްދަނީ އިތުރުކުރުމާއި މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ދަރަނި ބެލެހެއްޓުން ފަދަ ކަންކަން ހިމެނޭ ގޮތަށް މާނަހުރި ގޮތެއްގައި އެޅޭ އަވަސް އަދި ނަތީޖާ ހާސިލުކުރެވޭ މާލީ އިސްލާހީ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް ބުންޏެވެ.

ވޯލްޑް ބޭންކުން ބުނީ، ރާއްޖޭން މާލީ ޑެފިސިޓް ކުޑަކުރުމުގެ ޕްލޭންތައް އޮތްއިރު، މިހާތަނަށް ރާއްޖެއިން ކަނޑައެޅި އަމާޒުތައް ހާސިލު ކުރެވިފައިނުވާ ކަމަށެވެ. އަދި މެދު ރާސްތާގައި ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 115 ޕަސެންޓަށްވުރެ މަތީގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުންޏެވެ.

އެ އިދާރާއިން ބުނީ، މި އަހަރުގެ ކުރީކޮޅު ސަރުކާރުން މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީއެސްޓީ) ރޭޓް ބޮޑުކޮށްފައިވިޔަސް، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް، ހާއްސަކޮށް ސަބްސިޑީއަށް ގެންނަން މި އަހަރަށް ރޭވި އިސްލާހުތައް ލަސްވެފައިވާތީ، ހާއްސަކޮށް ހަރަދު ކުޑަކުރުމަށް ވިސްނައިގެން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

އެގޮތުން އަމަލުކުރަން ލަފާދީފައިވާ މުހިންމު އިސްލާހުތަކަކީ:

- ގައުމީ ހެލްތު އިންޝުއަރެންސް ޕްރޮގްރާމް ކަމަށްވާ އާސަންދައަށް އިސްލާހީ ބަދަލުތައް ގެނައުން

- ހާއްސަކޮށް ހަކަތަ އާއި ކާބޯތަކެތީގެ ދާއިރާގައި ހަރަކާތްތެރިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ބަލަހައްޓައި، ބޭނުންޖެހިފައިވާ މީހުންނަށް އެކަނި ދެވޭ ސަބްސިޑީގެ ނިޒާމަކަށް ވާސިލުވުން

- ތަރައްގީގެ މަޝްރޫއުތައް ވިސްނުންތެރިކަމާއި ރޭވުންތެރިކަމާ އެކު އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމުކުރެވޭކަން ކަށަވަރުކުރުމަށް ހަރުދަނާ ޕަބްލިކް އިންވެސްޓްމަންޓް އޮނިގަނޑެއް ގާއިމުކުރުން

- އާމްދަނީ އިތުރުކުރުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތަކުގެ ތެރޭގައި، ޓެކްސް ބޭސް ފުޅާކުރުން

- ރާއްޖޭގެ އެތެރެއިން އާމްދަނީ ލިބޭނެ ވަސީލަތްތައް އެކަށައެޅުމާއި ހަމަހަމަ ޓެކްސްގެ އުސޫލުތައް ކުރިއެރުވުން

"ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމުގައި ރާއްޖޭން ނަމޫނާ ދައްކާފައިވިޔަސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ހަމަނުޖެހުންތަކާއި ދުނިޔޭގެ ބާޒާރުތަކުގައި އަގުތައް އުފުލުން އަދި އިންފްލޭޝަން މަތިވުމުގެ ސަބަބުން ރާއްޖޭގެ މުހިންމު ފަތުރުވެރިކަމުގެ މާކެޓްތަކުގައި ދިރިއުޅޭ މީހުންނަށް ބާކީ ކުރެވޭ ފައިސާއަށް އަސަރުކުރުން ފަދަ އާ ލޮޅުންތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ރޭވުންތެރިކަމާ އެކު ކުރިމަތިލާން ޖެހޭނެ،" ވޯލްޑް ބޭންކުން ރާއްޖެއާއި ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗު ހަދާދު-ޒެރްވޮސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވިސްނުންތެރިކަމާ އެކު ދަރަނި ބެލެހެއްޓުމާއި ހަރަދުތަކާ ގުޅޭ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ގައުމުގެ މާލީ ނާޒުކު ކަންތައްތައް ހައްލުކޮށް، ދެމެހެއްޓެނިވި އަދި އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް އޮނިގަނޑެއް އެކުލަވާލައި ދިގު މުއްދަތުގެ ކުރިއެރުމާއި ތަނަވަސްކަން ކަށަވަރުކުރުމަށް އަވަސް ގޮތެއްގައި މަސައްކަތް ކުރުން މުހިންމު ކަމަށެވެ.