ޚަބަރު

ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަކަށް ލަންކާގައި ދިރިއުޅޭ ދިވެހިން ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފި

މަރިޔަމް ޝަހުދާ

ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަކަށް ލަންކާގައި ދިރިއުޅޭ ދިވެހިން ބޭރަށް ނުނިކުތުމަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އިލްތިމާސް ކޮށްފިއެވެ.

ރާއްޖޭގެ އެމްބަސީން މިކަމަށް އިލްތިމާސް ކޮށްފައި ވަނީ ލަންކާގައި މިއަދު ހިނގި ބޮން ގޮއްވާލުމުގެ ހާދިސާތަކަކާ ގުޅިގެންނެވެ. އެ ގޮތުން މި އަދުގެ ހާދިސާގައި އާންމުކޮށް ދިވެހިން ލަންކާއަށް ގޮސް ތިބޭ ތިން ހޮޓަލެއްގެ އިތުރުން ލަންކާގެ ތިން ޗާޗެއްގައި ވަނީ ބޮމުގެ ހަމަލާތަކެއް ދީފައެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން، ލަންކާގެ ހާލަތު ބަލަމުން އަންނަ ކަމަށް ވަނީ މައުލޫމާތު ދީފައެވެ. އަދި ލަންކާގައި ދިރިއުޅޭ ދިވެހިން އެއްވެސް އެހީއެއް ބޭނުންނަމަ +94727277072، +94766942654، +94766086660 ނުވަތަ +94764189900 އަށް ގުޅުމަށް ވަނީ އެދިފައެވެ.

މިހާތަނަށް މި ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާވި ކަމުގެ މައުލޫމާތު ލިބިފައި ނެތްކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ މައުލޫމާތު ދީފައެވެ. މި ހާދިސާއާ ގުޅޭ ގޮތުން މާލެއިން ނަމަ 7983400 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް އަދި ލަންކާއިން ނަމަ 94727277072 ނުވަތަ 94766942654 ގުޅައިގެން މައުލޫމާތު ހިއްސާކުރެއްވުމަށް ފޮރިން މިނިސްޓްރީ އިން ވަނީ އެދިފައެވެ.