ދިވެހީން އާންމުކޮށް ތިބޭ ތިން ހޮޓަލެއް ހިމެނޭ ގޮތުން ލަންކާގެ ގިނަ ސަރަހައްދުތަކެއްގައި މިއަދު ދިން ބޮމުގެ ހަމަލާގައި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުން ގެންދާކަމަށާއި އެ ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާވެފައިވޭތޯ ބަލަމުން ގެންދާކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އަބްދު ﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮލަންބޯގައި ގާއިމުކޮށްފައިވާ ދިވެހި ރާއްޖޭގެ އެންބަސީއިން ސްރިލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުންގެންދާ ކަމަށެވެ.
ފޮރިން މިނިސްޓްރީންވެސް ބުނެފައިވަނީ އެ ހާދިސާގައި އެއްވެސް ދިވެސަކަށް އަނިޔާވެގެން ނުވަތަ ގެއްލުމެއްވެގެން އުޅޭތޯ ބަލަމުން ގެންދާ ކަމުގައެވެ. ނަމަވެސް މިހާތަނަށް އަދި ދިވެއްސަކަށް ގެއްލުމެއް ވެގެން ރިޕޯޓްކޮށްފައެއް ނުވެއެވެ.
ސްރީލަންކާގައި ބޮން ގޮއްވި ހާދިސާގައި މިހާތަނަށް 115 މީހުން މަރުވެގެން ރިޕޯޓްކޮށްފައިވާއިރު 200 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިގެން ރިޕޯޓްކޮށްފައިވެއެވެ.
ފޮރިން މިނިސްޓްރީން ވަނީ މި ހާދިސާއާ ގުޅޭ ގޮތުން މާލެއިން ނަމަ 7983400އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް އެދިވަޑައިގެންފަ އެވެ. ލަންކާއިން ނަމަ ގުޅުއްވާނީ 94727277072 ނުވަތަ 94766942654 އަށެވެ.