ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ ހަލީމަށް މަގާމުގެ ފަތްކޮޅު އަރުވައިފައެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ.
މީގެ ކުރިން ހަލީމް ވެސް ހަލީމް ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވައިފައެވެ. އެގޮތުން އޭނާ ވަނީ އެމްޓީސީސީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ފުރުއްވައިފައެވެ.
ރައީސް މުއިއްޒު ވަނީ މާލެ ހޮސްޕިޓަލްސް ގްރޫޕް (ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް)ގެ ހިންގުމުގެ ކަންކަން ބެލެހެއްޓުމަށް އުފައްދަވާފައިވާ "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް"ގެ ނަން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑް" ގެ ނަމަށް މިއަދު ބަދަލުކުރައްވައިފައެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑު އިދާރީގޮތުން ހިންގަމުންދާނީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުންނެވެ. އެ ބަދަލާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑު އަލުން އެކުލަވައިލެއްވުމަށް ރައީސް ވަނީ ނިންމަވައިފައެވެ.