ޚަބަރު

އާރަށް މައްސަލަ: ޔާމީންގެ އިސްތިއުނާފީ އަޑުއެހުންތައް ނިންމާލައިފި، ދެން އޮތީ ހުކުމްކުރުން

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުވުމުން ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ، ޝަރީއަތުން ޔާމީންގެ ފަރާތްޕުޅުންނާއި އެ މަނިކުފާނާއެކު ރިޝްވަތު ދިނުމުގެ ދައުވާ އުފުލި ޔޫސުފް ނައީމްގެ ފަރާތުން އަދި ދައުލަތަށް ފަހު ބަސް އިއްވުމުގެ ފުރުސަތު ދީފައެވެ. އެއިން ކޮންމެ ފަރާތަކަށް ވެސް ފަހު ބަސް އިއްވުމަށް ދީފައިވަނީ 30 މިނެޓުގެ ވަގުތެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ދައުލަތުން އެއްވެސް ހެއްކެއް ގަރީނާއެއް ނެތްކަން ކްރިމިނަލް ކޯޓުގައި ސާބިތުކޮށްދީފައިވާނެ ކަމަށާއި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ލުއިތަކެއް ލިބޭގޮތަށް އިއުތިރާފު އެއްބަސްވުމެއް ހަދާފައިވުމުން، އެބޭފުޅުން ދިން ހެކިބަހާ މެދު ސުވާލުތަކެއް އުފެދޭނެ ކަމަށެވެ.

"މިއީ ދައުލަތަކުން ވަކި ޕެޓާންއެއް އަދި ވަކި ޑިޒައިނެއްގެ ދަށުން ރިޕީޓުކޮށް އެއް ފަރުދަކާ މެދު ކުރަމުންދާ ދައުވާތަކެއް. ކޮންމެ ފަހަރަކު ދަށު ކޯޓުން ހަދާ ގޯހުގައި މަތީ ކޯޓުގެ މަރުހަލާއިން ފަރުވާ ހޯދަން މަޖުބޫރުކޮށް، ދައުވާ ލިބޭ ފަރާތުން ޖަލުގައި އެތަކެއް 100 ދުވަސް ހޭދަކުރަމުންދާ ދައުވާއެއް. ޖިނާއީ ދައުވާއަކީ ސަމާސާއެއް ނޫން. ޖިނާއީ ދައުވާގެ ނަތީޖާއަކީ ސާދާ ކަމެއް ނޫން. އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި ބޮޑެތި ގޯސްތަކާއި ޝައްކުތަކެއް އެބަހުރި. ދިފާއުގެ ހެކިންގެ ހެކިބަހުގައި ދައުލަތުގެ ދައުވާގައި ބުނާ ވާގިއާ ނަފީކުރޭ. މި ހުރިހާ ކަންތައްތަކުން ހުރި ކަންތައްތަކުން ދައުލަތުގެ ވާގިއާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ނުކުރެވޭ. އެ ހާލަތުގައި އިތުރަށް ޝަރުއީ ގާއިދާ އޮންނަ ގޮތް ބަލައިލަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ތަހުގީގު މަރުހަލާގައި ރައީސް ޔާމީން ހަނު ހުންނަވާފައިވާކަން ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރަށް އެނގިވަޑައިގަންނަވާ ކަމަށާއި އެހެންނަމަވެސް އެމަނިކުފާނަށް ވެސް ހެކި ހުށަހެޅުއްވުމުގެ ފުރުސަތު ދެއްވި ކަމަށެވެ. އަދި އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ވިދާޅުވި ނަމަވެސް، ރައީސް ޔާމީނަށް އެކަން ސާބިތުކޮށްދެވިފައިނުވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހެކިބަސް ދެއްވި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް، ދެ ގޮތަކަށް ހެކިބަސް ދެއްވާފައިވާ ކަމަށާއި އޭގެ ތެރެއިން އަތުން ފައިސާތައް ގުނި ކަމަށް ދެއްކެވި ވާހަކައަކީ ވެސް ގަބޫލުކުރަން ދަތި ވާހަކަތަކެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އާމްދަނީ ހޯދުމަށް އިތުރު މަސައްކަތެއް ނުކުރެއްވޭ ގޮތަށް އޮތް ނަމަވެސް، ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމުމަކަށް އައި އިރު، އެމަނިކުފާނުގެ އެކައުންޓަށް މިލިއަނުން ފައިސާ ވަދެފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ނިންމަވައިލައްވަމުން ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ އެ މައްސަލަތައް ޝަރީއަތުން ދިރާސާކުރަމުންދާ އިރު، ދެ ފަރާތް ހާޒިރުކޮށްގެން ކަމެއް ސާފުކުރަން ނުޖެހޭ ކަމަށްވާ ނަމަ، މައްސަލައިގައި ހުކުމްކުރުމަށް ތާވަލުކުރެވޭނެ ކަމަށެވެ.