އިއްޔެ ރާއްޖެއަށް ކުރި ވިއްސާރައިގަ ލިބުނު ގެއްލުންތައް ފޫބެެއްދިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނެފިއެވެ.
އިއްޔެ ކުރި ވިއްސާރައިގަ ލިބުނު ގެއްލުންތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށްޓަކައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އުމަރު ފިކުރީ ވިދާޅުވީ، ވިއްސާރަވެ، ފެންބޮޑުވުމުގެ ސަބަބުން އިއްޔެ ލ. ފޮނަދޫގެ ބާރަ ގެއަކަށް އެކިވަރުގެ ގެއްލުންވެގެން ރިޕޯޓްކުރި ކަމަށެވެ.
އިއްޔެގެ ނިޔަލަށް ފުރާޅަށް ގެއްލުންވެގެން ރިޕޯޓުކޮށްފައިވާ ގެތަކުގެ ފުރާޅު މަރާމާތުކޮށްފައިވާނެ ކަމަށާއި، އެހެންކަމުން މިވަގުތު ގޭގައި ދިރި ނޫޅެވިގެން އެހެންތަނަކު ތިންބެންޖެހޭ އެއްވެސް ބަޔަކު ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
އުމަރު ފިކުރީ ވިދާޅުވީ، އިއްޔެ ބައެއް ރަށްތަކަށް އުދަ އަރައިގެން ރިޕޯޓް ކޮށްފައިވާ ކަމުގައެވެ.
އެގޮތުން ގއ. ވިލިނގިއްޔާއި، ދާންދޫއަށް އުދަ އެރުމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް އެއްވެސް ގޭބިސީއަކަށް ގެއްލުންވެގެން ރިޕޯޓްކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އއ.އުކުޅަހު ގައި ބާރަ ގެއަކަށް ފެންވަދެފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށާއި، އެރަށުގައި ފެން ހިއްކުމުގެ ގޮތުން ކޯރު ކެނޑުމުގެ މަސައްކަތް ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ބައްދަލު ވުމުގައި އުމަރު ފިކުރީ ވިދާޅުވީ، މިއީ އާދަޔާ ހިލާފު ވިއްސާރައެއް ނޫންކަމަށާއި މިއީ ހުޅަނގު މޫސުމާ ގުޅިގެން ކޮންމެ އަހަރުވެސް ކުރަމުން ގެންދާ ވިއްސާރައެއް ކަމުގައެވެ. އަދި އުދަ އަރާ ސަރަހައްދެއްގައި، ނުވަތަ ފެންބޮޑުވާ ސަރަހައްދުތަކުގައި އުޅޭ ފަރާތްތަކުން އަތުވެދާނެ ނުރައްކަލަކަށް ދުރާލައި ތައްޔާރުވަމުން ގެންދިޔުމަށް ވަނީ އިލްތިމާސް ކުރައްވައިފައެވެ.