ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އާންމުކޮށްފައިވާ "ގެދޮރުވެރިޔާ ސްކީމް"ގެ ފުލެޓު ލިސްޓަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިހުތިރާމު ނުކުރާނެ ކަމަށާއި އެ ލިސްޓު މި ސަރުކާރުން ރިވިއުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ހައިދަރު ވިދާޅުވީ، ކުރީ ސަރުކާރުން އާންމުކުރި ލިސްޓަށް ފުލެޓު ދޫކުރުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވާ ކަމަށާއި މި ސަރުކާރުން އެ ލިސްޓަށް ގޮތެއް ނިންމާނީ އެ ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން ކަމަށެވެ.
"ފުލެޓުތައް ދޫކުރުން މަޑުޖައްސާލަން އިންތިހާބީ ރައީސް އެއިރު ސަރުކާރުގައި އެދިވަޑައިގެންނެވި. އެ ހިސާބުން ދޫކޮށްފައި ހުރި އެއްވެސް ފުލެޓެއް އަދި ބިމެއް، އެޔަކަށް މި ސަރުކާރުން ބޭނުމެއް ނޫން އިހުތިރާމު ކުރާކަށެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ކުރީ ސަރުކާރުން ދޫކޮށްފައިވާ ފުލެޓު ލިސްޓު މި ސަރުކާރުން ރިވިއުކުރާނެ ކަަމަށެވެ.
"ފުރަތަމަ ބުރާއި ދެވަނަ ބުރާ ދޭތެރޭގައި ދޫކޮށްފައި ހުރި ފުލެޓުތައް ރިވިއު ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ގުޅިފަޅުންނާއި ގިރާވަރުފަޅުން ގޯތި ދޫކޮށްފައި އޮތީ ޕްލޭނާ އެއްގޮތަށް ނޫން ކަމަށާއި އެކަމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން 75،000 ހައުސިން ޔުނިޓު މާލެ ސަރަހައްދުގައި ގާއިމުކުރާނެ ކަމަށާއި އެއާއެކު ބޯހިޔާވަހިކަމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ލިބިގެންދާނެ ކަމަށެވެ.