ޚަބަރު

ލޯކަލް ޓުއަރިޒަމް މާކެޓިންގ ސެމިނާއެއް ބާއްވައިފި

މަރިޔަމް ޝަހުދާ

ލޯކަލް ޓުއަރިޒަމް މާކެޓިންގ ސެމިނާއެއް މާލޭގައި ބާއްވައިފިއެވެ.

ސްޓެލްކޯގައި އިއްޔެ ބޭއްވި މި ސެމިނާ އަކީ އެމްއެމްޕީއާރުސީ، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި މޯލްޑިވްސް ގޭޓްވޭ ގުޅިގެން ކުރިއަށް ގެންދިޔަ ސެމިނާ އެކެވެ. 120 ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ މި ސެމިނާގައި މާކެޓިންގ އިންޑަސްޓްރީ، ހޮޓެލް ރެވެނިއު މެނޭޖްމަންޓް، ހޮޓެލް ޑިސްޓްރިބިއުޝަން ޗެނަލް މެނޭޖްމަންޓް އަދި އެހެނިހެން މުހިއްމު ދާއިރާ ތަކާއި ގުޅޭ ގޮތުން އެކަމުގެ މާހިރުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

މި ސެމިނާގައި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބު މުހައްމަދު ވާހަކަ ދައްކަވަމުން، ލޯކަލް ޓުއަރިޒަމް ފުޅާ ކުރުމުގެ މުހިއްމުކަން ވަނީ ފާހަގަކުރައްވައިފައެވެ.

އަދި ރާއްޖޭގެ ގެސްޓްހައުސްތައް ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވޭނެ ތަންތަނަށް ހެދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ތައްޔިބް ވިދާޅުވިއެވެ.

މި ސެމިނާގެ ބައިވެރިންނަށް އެކި ދާއިރާތަކުން މައުލޫމާތު ހިއްސާކުރައްވާފައިވާއިރު، މި ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައި ވަނީ ޓުއަރިޒަމް ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

މި ސެމިނާގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ގޭޓްވޭސް ގެ މެނޭޖިންގް ޑިރެކްޓަރ އަހްމީމް އަބްދުލް ރައްޒާގު ވަނީ ގެސްޓްހައުސް މޯލްޑިވްސް ވުޖޫދަށް އައި ގޮތް ސެމިނާގެ ބައިވެރިންނާއި ހިއްސާކުރައްވައިފައެވެ.

މީގެ އިތުރުން ޓްރެވަލް ވީކްލީގެ ގްރޫޕް ބިޒްނަސް ޑިވަލޮޕްމަންޓް މެނޭޖަރ އިޒަބެއްލާ ޝާޕް ޔޫކޭގެ މާކެޓާ ގުޅޭގޮތުން ސެމިނާގެ ބައިވެރިންނާއި މައުލޫމަތު ހިއްސާކޮށްފައިވެއެވެ. އަދި ރަޝިއަން މާކެޓާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައި ވަނީ ހެޑް އޮފް އިންޓަނޭޝަނަލް ޑެސްޓިނޭޝަން މާކެޓިންގ މާރިއާ ބަދަކް އެވެ.

މޯލްޑިވްސް ގޭޓްވޭސްގެ ސީއީއޯ ހުސައިން ސަނީ އުމަރު އަދި ޕީއާރު އެންޑް މާކެޓިންގ މެނޭޖަރ އަހުމަދު ނާސިރް ވެސް ވަނީ މި ސެމިނާގައި މައުލޫމާތު ހިއްސާކުރައްވައިފައެވެ. އެގޮތުން މި ދެބޭފުޅުން ވަނީ ވޯލްޑް ޓުއަރިޒަމާއި ގުޅޭ ގޮތުން ސެމިނާގެ ބައިވެރިންނާއި މައުލޫމާތު ހިއްސާ ކުރައްވައިފައެވެ. ހޮޓެލް ޑިސްޓްރިބިއުޝަން ޗެނަލް މެނޭޖްމަންޓްގެ މައުލޫމާތު ހިއްސާކުރައްވާފައި ވަނީ ކޮމާޝަލް ޑިރެކްޓަރ އިފް ޕްރޮފިޓަބަލް ރޫމްސް ވަރުން ދީވާންއެވެ. އަދި ހޮޓެލް ރެވެނިއު މެނޭޖްމަންޓްގެ މުހިއްމު ކަމާ ގުޅޭގޮތުން މި ސެމިނާގައި އަސްކަލު ކޮންސަލްޓިންގ ގެ ޑިރެކްޓަރ އަދި ކޯ-ފައުންޑާ ކަޓްޖާ ރޫތެމަން ވަނީ މައުލޫމާތު ހިއްސާކުރައްވައިފައެވެ.

މި ސެމިނާގައި ލީޑަރޝިޕް ސިކިލްސްއާ ގުޅޭގޮތުން ރީޖަނަލް ޑިރެކްޓަރ އޮފް ޓްރެއިނިންގ، ޑިވެލޮޕްމަންޓް އެންޑް ކޮލިޓީ އެޝުއަރެންސް އޮފް ލަކްސް އިސޯޓްސް އެންޑް ހޮޓެލްސް ހުސެއިން އަފީފް ވަނީ ބައިވެރިންނާއި ވާހަކަ ދައްކަވާފައެވެ. އަދި އޮންލައިން އަދި ސޯޝަލް މީޑިއާގެ މައުލޫމާތު ވެސް ސެމިނާގެ ބައިވެރިންނަށް ފޯރުކޮށްދީފައިވެއެވެ. މި މައުލޫމާތު ސެމިނާގެ ބައިވެރިންނާއި ހިއްސާ ކުރައްވާފައިވަނީ އެލައިޑް އިންޝުއަރެންސްގެ މާކެޓިންގ މެނޭޖަރ ނިއުޝާދް ޝަރީފެވެ.

މި ސެމިނާއަކީ ރާއްޖޭގައި ކުރިއަށް ދިޔަ މި ފަދަ 8 ވަނަ ސެމިނާއެވެ. މިދަފަ އިތުރު ސެމިނާ ތަކެއް 22 އޭޕްރީލް އިން ފެށިގެން 23 މެއިއާ ހަމައަށް އައްޑޫ ސިޓީ، ލ އަތޮޅު އަދި ގދ.ތިނަދޫގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.