ޚަބަރު

ވިޒިޓާ އިކޮނޮމިކް ކައުންސިލްގެ ބޭނުމަކީ ޓޫރިޒަމްގެ އާމްދަނީ 6 ބިލިޔަން ޑޮލަރަށް އުފުލުން: ސައީދު

އިބްރާހިމް ޒަކީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސަތު ބަލަހައްޓަވާ ވިޒިޓާ އިކޮނޮމިކް ކައުންސިލްގެ ބޭނުމަކީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބެމުން އަންނަ 4.5 ބިލިޔަން ޑޮލަރުގެ އާމްދަނީ ހަ ބިލިޔަނަށް އިތުރުކުރުން ކަމަށް އެ ކައުންސިލްގެ ކޯޗެއާ އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެ ކައުންސިލާބެހޭ މައުލޫމާތު ނޫސްވެރީންނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހަމައެކަނި އެއްް ކަމަކަށް ބަަރޯސާ ނުކުރުމަކީ ރައީސް މުއިއްޒުގެ އަމާޒެއް ކަމަށެވެ.

އެހެންކަމުން ޓޫރިޒަމްގެ އިތުރު ސިނާއާތްތައް ގެނެސް، ޓޫރިޒަމްގެ ތެރެއިން ޓޫރިޒަމް ޑައިވާސިފައި ކުރުމުގެ ކަންތައްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ސްޕޯޓްސް ޓޫރިޒަމާއި ހެލްތު ޓޫރިޒަމާއި ތަރިކައިގެ އިތުރުން އެހެން އިތުރު ދާއިރާތަކުންވެސް ޓޫރިޒަމް ތައާރަފު ކުރުމަކީ އަމާޒެއް ކަމަށް ވިދާޅުވިއެވެ.

"ސްޕޯޓްސް ދާއިރާއިން ރައީސް ބޭނުންފުޅުވޭ ސްޕޯޓްސް ޓޫރިޒަމް ތައާރަފުކުރަން އެއީ ރައީސްގެ ވިޝަން އެއް، ޓޫރިޒަމް ކަންތައްތަކަށް އިންވެސްޓް ކުރާ ފަދައިން ފިޒިއޮތެރަޕީ ރީހެބިލިޓޭޝަން މެޑިސިން، ގެ ދާއިރާއަށް އިންވެސްޓް ކުރެވޭނެ،" ސައީދު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ ވަޒީރުންގެ މަޖިލީހުގައި 3 ކައުންސިލެއް އުފައްދަވާފައެވެ. އެއީ ސޯޝަލް ކައުންސިލް، އިކޮނޮމިކް ކައުންސިލް އަދި ވިޒިޓާ އިކޮނޮމިކް ކައުންސިލެވެ. މީގެ ތެރެއިން ވިޒިޓާ އިކޮނޮމިކް ކައުންސިލް ކުރިއަށް ދާނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވިޒިޓާ އިކޮނޮމިކް ކައުންސިލުގައި ޖުމުލަ ނުވަ ވަޒީރުން ހިމެނިވަޑައިގަންނަވައެވެ. މި ކައުންސިލްގެ ކޯޗެއާއިންނަކި، ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސައީދާއި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް އެވެ. އޭގެ އިތުރުން މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގާއި ސިއްހީ ވަޒީރު ޑރ އަބްދުالله ހަލީލް އާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުالله ރާފިއު އާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން އާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމާއި މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި، ހުނަރުތައް ތަރައްގީކުރުމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާވެސް މި ކައުންސިލްގައި ހިމެނިވަޑައިގަންނަވައެވެ.