ރައީސް އޮފީހުގެ މިނިސްޓަރަކަށް އިގުބާލް އާދަމް އަދި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރަކަށް ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރު ހަމަޖައްސަވައިފިއެވެ.
އެ ބޭފުޅުން އެ މަގާމަށް ހަމަޖެއްސެވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް މުއިއްޒުއާ އާއިލީ ގުޅުން އޮންނަ އިގުބާލަކީ ޖުމްހޫރީ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަމުގެ މަގާމު އަދާކުރެއްވި އިގުބާލު ވަނީ މިފަހުން ޖޭޕީން ވަކިވެވަޑައިގެންފައެވެ. އޭނާ ވަނީ މީގެ ކުރިން ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވައިފައެވެ.
ޑރ. އަލީ ޒާހިރު ކުރިން ހުންނެވީ، ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސާގެ މަގާމުގައެވެ. އޭނާއަަކީ ސައުދީ އަރަބިއްޔާގެ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން، އިސްލާމްދީނާއި ހަދީޘް އިލްމުގެ ދާއިރާއިން ބެޗްލާސް ޑިގްރީއާއި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް ޑިގްރީ އާއި، އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް (ފިގުހު އެންޑް އުސޫލުލްފިގުހު)ގެ ދާއިރާއިން ޕީއެޗްޑީ ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ.