ދަރިންގެ މެދުގައި ތަފާތު ކުރެވޭ ނުވަތަ ނުކުރެވޭ ކަމަށް ބުނުމަކީ ދެގޮތަށް ވާހަކަ ދެއްކޭ މައުލޫއެކެވެ. ގިނަ މައިންބަފައިން އެކަމަށް އިންކާރު ކުރާއިރު، ކުދިން އެއާމެދު ދެކޭގޮތް ތަފާތެވެ.
މި މައްސަލައަކީ އެތައް ޒަމާނެއްވެފައިވާ މައްސަލަ އަކަށް ވާއިރު މިއީ ކުދިން ހެދިބޮޑުވުމުގަ އާއި ނަފުސާނީ ގޮތުން އޭގެ ނޭދެވޭ އަސަރު ކުރާކަމެކެވެ. ހާއްސަކޮށް ކުދިންގެ އުޅުމަށް ނޭނގި ހުއްޓައި އެތައް ބަދަލުތަކެއް އައިސްގެން ދާކަމަކަށް މިކަން ވަނީ ވެފައެވެ.
ރިސާޗްތަކުން ދައްކާ ގޮތުގައި ކުދިންނަށް ތަފާތު ކުރާކަން އަމިއްލައަށް އިހްސާސްވާން ފަށާކުދިން ކުޑައިރުންފެށިގެން އެކި ކަހަލަ އެބިއުސްތަކަށް މަގުފަހިވެގެންދެއެވެ. މި މައްސަލަ އެންމެ ބޮޑު ވަނީ އާއިލާ ތެރޭގައި އެހާބޮޑަށް ގުޅުން ބަދަހި ނުވާ ކަމުގައި ވާނަމައެވެ. މީގެ އިތުރުން ކުދިންގެ މެދުގައި ތަފާތު ކުރާނަމަ އެބައެއްގެ ތެރޭގައި އޮންނަން ޖެހޭ ގުޅުމަށް ވެސް ބުރޫ އަރައި މައްސަލަތައް ޖެހެއެވެ.
ކިތަންމެ ވަރަކަށް ނޫނެކޭ ބުންޏަސް ހަގީގަތަކީ ކޮންމެ މައެއްވެސް އަދި ބަފައެއްވެސް ކޮންމެވެސް އެއް ދަރިއަކާ ގާތްވުން އެއީ ވުން އެކަށީގެންވާ ކަމެކެވެ. ދަރީންގެ މެދުގައި ތަފާތު ނުކުރާން ހިތުގައި އޮތަސް، ކުދި ކުދި ކަންކަމުގައި ވެސް ތަފާތުކުރެވޭތަން އަންނަނީ މަދެއްކޮށެއް ނޫނެވެ.
ދަރިން ތަފާތު ކުރެވޭނަމަ އެއީ އެކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރަށްވެސް ބުރޫއަރާ ކަމެކެވެ. ބައެއް ކުދިން ކިޔަވަން މޮޅުވި ނަމަވެސް އަނެއްބައި ކުދިން ކުޅިވަރަަށް މޮޅުވެދާނެއެވެ. ކިޔަވަން ދަށްކުއްޖާ ގާތު އޭނާގެ ބޭބެ ކިޔަވަން މާ މޮޅުކަމަށް އަބަދު ބުނާ ނަމަ ބޭބެއާ މެދު ނަފްރަތު އުފެދި އޭނާ އިތުރަށް ކިޔެވުމާ ދުރުވާ ގޮތް ވުންވެސް އެކަށީގެންވެއެވެ.
މިއީ މައިންބަފައިންނާ ދަރިންވެސް ދުރުވާނެ ކަމެކެވެ.
އެހެން ކަމުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދަރީންގެ އިހްސާސްތައް ދެނެގަންނަށް މަސައްކަތް ކުރާށެވެ. ހާއްސަކޮށް ކުއްޖާއަށް ތަފާތު ކުރާކަން އިހްސާސްވެ އެވާހަކަ ބުނާކަމުގައި ވާނަމަ ނުވަތަ އެކުއްޖާގެ އުޅުމުން އެކަން ފާހަގަ ވާނަމަ ވާހަކަދައްކައި އެކުއްޖާ ދައްކަން ބޭނުންވާ ވާހަކަ އަޑުއަހާށެވެ. އަދި ކަންކަން މުޅިން ދޮގު ކުރުމުގެ ބަދަލުގައި އެކަން އަންޑަސްޓޭންޑްވާން މަސައްކަތް ކުރުން މުހިއްމެވެ.
ކުދިންނަކީ ލިބޭ ލޯތްބާއި އެޓެންޝަނުން ބޭނުން ގޮތަކަށް ބައްޓަން ކުރެވޭ ބައެކެވެ. ކޮންމެ މަޔަކުވެސް އަދި ބަފަޔަކުވެސް ބަލަންވާނީ ހުރިހާ ދަރީންނަށް އެއްވަރަކަށް ސަމާލުކަމާއި ވަގުތު ދެވޭތޯއެވެ.