ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)ގެ ވާދައިގެ ތައްޓަށް ބާއްވާ ސިޓީ ލިޔުމުގެ މުބާރާތުގައި ބައިވެރި ވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
ޕީޖީ އޮފީހުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، މި މުބާރާތުގައި ވަކިވަކިން، އެ މީހަކު ތަމްސީލުކުރާ އޮފީހެއްގެ ނަމާއެކު ރަޖިސްޓަރީވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މި މުބާރާތުގައި ވަނަވަނައަށް އަންނަ އޮފީސްތައް ހޮވާނީ، އެ އޮފީހަކުން ބައިވެރިކުރި ސިޓީތަކުގެ ތެރެއިން އެންމެ މޮޅު 5 ސިޓީގެ މާކްސްއަށް ބަލައިގެން ކަމަށާއި 5 ސިޓީއަށްވުރެ މަދުން ހުށަހަޅާ އޮފީސްތަކަށް، ، އޮފީސްތަކުގެ ބައިގައި ވާދައެއް ނުކުރެވޭނެ ކަމަށްވެސް އިއުލާނުގައި ވެއެވެ.
މި މުބާރާތުގެ މަގުސަދަކީ، ދިވެހި ބަހުން ސާފުކޮށް މޮޅަށް ސިޓީ އިބާރާތްކޮށް ލިޔެ ހެދުމަށް ހިތްވަރުދީ، ސިޓީ ލިޔުމުގެ ސަގާފަތެއް އުފެއްދުން ކަމުގައި އެ އޮފިހުން ބުންޏެވެ. މި މުބާރާތުގައި ރަޖިސްޓަރީވުމުގެ މުއްދަތު ހަމަވާއިރު، މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރީވެފައިވާ މީހުންނަށް، ސިޓީ ނޯޓެއް ޕީޖީ އޮފީހުން ފޮނުވާނެ ކަމަށް އެ އޮފީހުން ކުރި އުއުލާނުގައި ވެއެވެ.
އެސިޓީ ނޯޓުގައި އޮތް ސިޓީ ލިޔެ، ފޮޓޯއެއް ނަގައި، ޕޯޓަލަށް އަޕްލޯޑުކުރުމުން މުބާރާތަށް ސިޓީ ހުށަހެޅުނީކަމުގައި އެ އިއުލާނުގައިވެއެވެ.
މި މުބާރާތުގައި ރަޖިސްޓަރީވުމަށްޓަކައި، ޕީޖީ އޮފިހުގެ އޮންލައިން ޕޯޓަލް online.pgo.mv ގައި އޮތް، ސިޓީ ލިޔުމުގެ މުބާރާތުގެ ޓެބަށް ފިތާލުމުން، ރަޖިސްޓަރީވެވޭނެ ކަމަށާއި މުބާރާތުގެ ގަވައިދު އަދި ސީދާ ލިންކަކީ online.pgo.mv/siteemubaarai ކަމުގައި އެ އޮފީހުން ބުންޏެވެ.
މިއީ، ޕީޖީ އޮފީހުގެ ރެކްރިއޭޝަން ކްލަބް، ކްލަބް220 އިން އިންތިޒާމުކުރާ މުބާރާތަކެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، ދިވެހި ކޮންމެ ރައްޔިތަކަށް ލިބޭނެ ކަމަށް ޕިޖީ އޮފީހުން ކުރި އިއުލާނުގައި ވެއެވެ.