ޚަބަރު

ސިފައިން އަނބުރާ ގެންދަން ރާއްޖޭން ރަސްމީކޮށް އިންޑިއާގައި އެދިއްޖެ

2

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން ދިވެހި ސަރުކާރުން ރަސްމީކޮށް އިންޑިއާ ސަރުކާރުގައި މިއަދު އެދިއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް އެދިވަޑައިގަތީ، އިންޑިއާގެ މިނިސްޓާ އޮފް އާތު ސައިންސަސް ކިރެން ރިޖިޖޫއާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައިވެސް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތް ފެށުން ހިމަނާފައިވެއެވެ. އަދި އެކަމަށް ވެރިކަމުގެ ފުރަތަމަ ދުވަހު މަސައްކަތް ފެށުމަށް ވަނީ ކަނޑައަޅުއްވައިފައެވެ.

އިންޑިއާ ސިފައިން އަނބުރާ ގެންދަން ރައީސް އެދިވަޑައިގެންފައިވާ އިރު، ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގެ ޑީޖީ، އަދި މިހާރު ރައީސް މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސާފުނުވާ ކަމަށް އޭރު ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟