ޚަބަރު

ޕީއެންސީގެ މަތީ މަޖިލިސް ހުކުރު ދުވަހު ބާއްވަން ނިންމައި، ޕާޓީގެ އިސްމަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮގްރެސް ޕާޓީ) ގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށްބާއްވާ އެ ޕާޓީގެ މަތީ މަޖިލިސް (ކޮންގްރެސް) އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައި، ޕާޓީގެ އިސްމަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި މަހުގެ 26ވާ ހުކުރު ދުވަހު އެ ޕާޓީގެ ގައުމީ ބައްދަލުވުން (މަތީ މަޖިލިސް) ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ބާއްވާ ޕާޓީގެ ފުރަތަމަ މަތީ މަޖްލީހުގައި ފާޓީގެ ރައީސްކަމުގެ މަގާމަށާއި، ދެ ނައިބު ރައީސްކަމުގެ މަގާމަށާއި، ޕާޓީގެ މަޝްވަރާ މަޖްލީހުގައި ހިމެނޭ 20 މެނަބަރުން ހޮވުމާއި، ޕާޓީގެ މެންބަރުންގެ ކަންތައްތައް ބަލަހައްޓާ ކޮމެޓީއަށް އިންތިޚާބު ކުރަންޖެހޭ 5 މެންބަރުން އިންތިހާބު ކުރުން އޮންނާނެ ކަމަށެވެ. މީގެ އިތުރުން ޕާޓީގެ އިސްތިއުނާފު ކޮމެޓީއަށް އިންތިޚާބު ކުރަންޖެހޭ ތިން މެނބަރުންނާއި، ޕާޓީގެ އިންތިޚާބު ކޮމެޓީއަށް އިންތިޚާބު ކުރަންޖެހޭ ފަސް މެންބަރު އިންތިހާބު ކުރުންވެސް އެ މަޖިލީހުގައި އޮންނާނެ އެވެ.

ޕީއެންސީގެ ބަޔާނުގައި ބުނެފައިވަނީ، އެ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ޕާޓީގެ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަދި އެ މަގާމުތަކަށް ކުރިމަތިލުމަށް ބޭނުންވާ މެންބަރުން އެ މެންބަރެއްގެ އައިޑީކާޑުގެ ކޮޕީއާއެކު ކުރިމަތިލައްވާ މަޤާމެއް، އަދި ގުޅޭނެ ނަންބަރެއް ލިޔުމުން ހުށަހެޅުން އެދޭކަމަށްވެސް ބުނެފައިވެއެވެ.

އެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ނަންހުށައެޅުމުގެ އެންމެ ފަހުގެ ތާރީހަކީ، މި އޭޕްރީލްމަހުގެ 22 ވަނަ ދުވަހުގެ 18:00 ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޕީއެންސީން ބުނެފައިވަނީ، މަގާމުތަކަށް ކުރިމަތިލެވޭނީ، މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބެވި ފަރާތްތަކަށް ކަމަށެވެ.